21 Dec 2015, 18:51
ހުޅުމާލޭ ހޮސްޕިޓަލުގައި ރާއްޖޭގެ 100 މީހަކަށް ލޮލުގެ ކެޓަރެކްޓް ސާޖަރީ ކޮށްދިނުމަށް ޗައިނާ ސަރުކާރުން މިއަދު އެއްބަސްވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި 100 މީހަކަށް ލޮލުގެ ކެޓަރެކްޓް ސާޖަރީ ހަދައި ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާ އެކު ސޮއިކުރީ އެކަމަށް ޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ވާންފޫކާންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކެޓަރެކްޓް ސާޖަރީ ހެދުމަށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ މިޝަންއެއް ޗައިނާއިން ސަރުކާރުން ރާއްޖެއަށް ފޮނުވާނެ ކަމަށެވެ. އަދި އެ ސާޖަރީ ހެދުމަށް ބޭނުންވާ ތަކެތި ވެސް ޗައިނާ ސަރުކާރުން ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"...ޓީމް ވަޑައިގަތުމުގެ ކުރިން ހެލްތު ދާއިރާގައި ސިއްހީ ހިދުމަތް ދެމުންދާ ތަންތަނުގައި ރެޖިސްޓާ ވެފައި ތިބި ޕޭޝަންޓުން ބައްލަވައި ސްކްރީން ކުރައްވައި 100 ޕޭޝަންޓުން ކެޓަރެކްޓް ސާޖަރީ ހެދުމަށް އެކަށީގެންވާ ޕޭޝަންޓުން ކަމުގައި ބެލެވި ، އެކަންތައްތައް މިހާރު ވަނީ ކަނޑައަޅުއްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާގެ ޓީމް މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވަޑައިގެން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޗައިނާ ސަރުކާރުން ރާއްޖޭގައި ހިލޭ ސާބަހަށް ކުރާ އެމަސައްކަތަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޗައިނާއިން އަންނަ މިޝަން އިން ގެންނަ، ކެޓަރެކްޓް ސާޖަރީ ހެދުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.
ކެޓަރެކްޓް ސާޖަރީ އަކީ ލޮލުގެ ކަޅު ކަޅިއަށް ޖެހޭ ބައްޔެއްގެ ސަބަބުން ލޯ ފުސްވެ، ފެނުން ގެއްލިފައިވާ ލެންސް ނެގުމަށް ފަހު މަސްނޫއީ ލެންސެއް ލެއްވުމަށް ކުރާ އޮޕަރޭޝަނެކެވެ.