ސިވިލް ސާވިސްގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ގެދޮރު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ލުއި ސްކީމެއްގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް ގެދޮރު ހޯދައިދުނުމާ މެދު ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަަމަށެވެ.

"އަޅުގަނޑު މެންނަށް ފެންނަނީ މިކަމާ މެދު އުއްމީދު އާލާވަމުން އަންނަ މަންޒަރު. އެގޮތުން އަޅުގަނޑުމެންނަށް ފެނޭ އެބަ ސަރުކާރާއެކު ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބުވަމުން އަންނަތަން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ގިނަ ފަރާތްތަކަކީ ތަންތަނުގައި ކުއްޔަށް އުޅޭ މީހުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު މުވައްޒަފުންގެ މުސާރަ ބޮޑު ނުވި ކަމުގައިވިޔަސް ގޭގެ ކުލި ދަނީ ބޮޑުވަމުން ކަމަށާއި އެހެން ކަމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ގޭގެ ކުލި ބޮޑު ވަމުން އައުމާ ގުޅިގެން މުވައްޒަފުންގެ ހިތްވަރު ގެއްލޭ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.