ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތަށް ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ސްނައިޕަރުގެ ގާނޫނީ ވަކީލު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.

ލަންކާގެ ދަ ސަންޑޭ ޓައިމްސްގައި ސްނައިޕަރުގެ ވަކީލު ޝަބްދިކާ ވެލާމްޕިލް އާ ހަވަލާދީ ބުނެފައި ވަނީ އޭނާއަށް ދިވެހި ސަރުކާރުން ބިޒްނަސް ވިސާ ހަމަޖައްސާދީފައިވާ ކަަމަށާއި އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށެވެ.

މީގެ ކުރިންވެސް ވަކީލު ވަނީ މި މައްސަލައާ ގުޅިގެން ރާއްޖެ އައިސްފައެވެ. ނަމަވެސް އެފަހަރު އާދެވުނީ ޓުއަރިސްޓު ވިސާގައި ކަމަށާއި، ބިޒްނަސް ވިސާގައި އައިސް މައްސަލައިގައި ކުރެވެން ހުރި މަސައްކަތެއް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފޮރިން މިނިސްޓްރީން ތަނަވަސް ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ އާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

"ކުރިން ޓުއަރިސްޓު ވިސާގައި ރާއްޖެ ދެވުނީމަ މައްސަލައިގައި މާބޮދޫ މަސައްކަތެއް ކުރާނެ ފުރުސަތެއް ނުލިބުނު. ނަމަވެސް އަންނަ ހަފްތާގައި ރަނގަޅަށް މައްސަލައާއިއެކު ކުރިއަށް ގޮސް ވަކާލާތު ކުރެވޭނެ،" ވަކީލު ބުނެފައިވެ އެވެ.

ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ލަހިރޫ މަދުޝަންކާ ނަމަކަށް ކިޔާ މީހެއްކަމަށް ސަންޑޭ ޓައިމްސް ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ ލަންކާާ މީހާއަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށް ދިވެހި ފުލުހުން ވަނީ ހާމަކޮށްފައެވެ.

ސަންޑޭ ޓައިމްސް ގައި ބުނެފައި ވަނީ މަދުޝަންކާ އަކީ އޭނާގެ އާއިލާއިން ރާއްޖޭގައި ކުރާ މަހުގެ ވިޔަފާރިއެއްގައި ވަރަށް ގިނައިން ރާއްޖެ ގޮސް ހަދާ މީހެއް ކަމަށް އޭނާގެ އާއިލާގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓްރީއަށާއި އިތުރު މިނިސްޓްރީ ތަކަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރަށް ލަންކާގެ ސަރުކާރުން ބެލި ބެލުމުން މަޑުޝަންކާ އަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި ރާއްޖޭގެ ބައެއް މީޑިއާތަކުން އޭނާއަކީ ލަންކާގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ މީހެއް ކަމުގައި ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫންކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.