11 Apr 2011, 20:21
ނުރައްކާތެރި ގައިދީން ބޭސް ފަރުވާއަށް މާލެ ގެންނައިރު އެމީހުން ކޮންޓްރޯލް ކުރަން ޑީޕީއާރުއެސްގެ ގާޑުންނާއެކު ފުލުހުން ހަރަކާތްތެރިވުމަށް ފުލުހުންނަށާއި ޑީޕީއާރްއެސްއަށް ކްރައިމް ޕްރިވެންޝަން ކޮމިޓީން ހުށަހަޅައިފި އެވެ.
އެ ކޮމިޓީގެ ޗެއާޕާސަން އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަން ފުލުހުންނަށާއި ޑީޕީއާރުއެސް އަށް ހުށަހަޅާފައިވަނީ އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އަދި ވިދާޅުވީ އެހެން ހެދުމުން މާލެ ގެންނަ ގައިދީން ފިލާ މައްސަލަ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.
އަމީން ފައިސަލް ވިދާޅުވީ އެކަމާބެހޭ ގޮތުން ކްލެމެންސީ ބޯޑާއި ޕެރޯލްބޯޑް، އަދި ޑީޑީޕީއާރްއެސްއާ ބޯޑުން ބައްދަލު ކުރާނެ ކަމަށެވެ. އަދި ފެރޯލާއި ކްލެމެންސީ ބޯޑުގެ ދަށުން ބޭސް ފަރުވާއަށް ނުކުންނަ ކުށްވެރިންނަކީ މާރާމާރީއާ ވައްކަމާއި މީހުން މެރުންފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ބައެއްތޯ ވެސް ބައްލަވާނެ ކަމަށެވެ.
" މީހުން މެރުމާއި މާރާމާރީ އަދި ވައްކަންކުރުން ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރިން ފަހަރުގައި ކްލެމެންސީ ބޯޑަށް ނުވަތަ ޕެރޯލް ބޯޑަށް ނޭނގިދާނެ. އެހެންވެ އެކަންތައްތައް މޮނިޓާ ކުރުމަށް ފުލުހުންނާއި ޑީޕީއާރުއެސްއާ ކޯޑިނޭޓްވެގެން އެ ކުށްވެރިންނަކީ ކޮން ފެންވަރެއްގެ ބައެއްތޯ ބެލުމާ ބެހޭ ގޮތުން ވަނީ ވާހަކަދެކެވިފައި،" ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރައީސް، ކްރައިމް ޕްރިވެންޝަން ކޮމެޓީ އުފެއްދެވިފަހުން، ވަޅިހެރުމާއި ބޮޑެތި ވައްކަންތައް ކޮށްގެން އެކި ފަހަރު މަތިން 122 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖަލުތަކުން ބޭސްފަރުވާއަށް މާލެ ގެންނަ ގައިދީން ގާޑުންނަށާއި އޮފިސަރުންނަށް ބިރު ދެއްކުމަށް ފަހު އާއި އަނިޔާ ކުރުމަށްފަހު ފިލުމަކީ ފަހަކަށް އައިސް އާންމުވެފައިވާ ކަމެވެ. އަދި އެއީ ގައިދީ ގެންގުޅުމުގައި ޑީޕީއާރްއެސްއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ހުކުމް ތަންފީޒުކުރާ އެއިދާރާއިން ވެސް ތަކުރާރުކޮށް ބުނަމުން އާދެ އެވެ.