ފިނޭންސް މިނިސްޓްރީގައި ތިބި ބައެއް ސިވިލް ސާވިސް މުވައްޒަފުން އެ މަގާމުތަކުން ވަކި ކުރުމަކީ އެއްގޮތަކަށް ވެސް ކުރާ ހިތްޕުޅުވި ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހުކުރަން ހޮޓެލް ޖެންގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހި ވަޑައިގަތީ ސިވިލް ސާވިސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނުކުރެވި އޮތުމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެކަން ކުރަންޖެހުނީ އެތަންތަނުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދިފައި ނެތުމުން ކަމަށެވެ.

"އެތަނުގައި މުވައްޒަފުން އޯވާ ސްޓާފް، ޓެކްނިކަލް އާއި ފަންނީ މީހުން އޯވާ ސްޓާފް. އަނެއް ބައި އޮފީހުން އުޅެނީ ފަންނީ މީހުން ނުލިބިގެން. އެކި މަސައްކަތްތަކުގައި ކޮންޓުރެކްޓް އުސޫލުން މަސައްކަތް އެބަ ކުރޭ. ރައީސް އޮފީހުން ޕާފޯމަންސް އޮޑިޓެއް ހަދަމުން އަންނަތާ ގާތްގަނޑަށް މިހާރު ދެ އަހަރު މިވަނީ. އަޅުގަނޑުމެން އެކަން ބަލަމުން ދިޔައިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އޮފީސްތަކުގައި ކަންތައްތައް ހުރީ މިކަހަލަ ހާލަތެއްގައި ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފިނޭންސުގައި ތިބި މުވައްޒަފުން ވަކި ކުރެއްވުމަކީ ރައީސް ކުރާ ހިތްޕުޅުވި ކަމެއް ނޫން ކަމަށް މިއަދު ވިދާޅުވި އިރު އެ މިނިސްޓްރީން 70 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށް ބައެއް ސެކްޝަނުތައް އުވާލުމަށް ރައީސް އޮފީހުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

އުވާލުމަށް ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ، ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން އުވާލަން ވެސް ވަނީ ނިންމާފަ އެވެ. އަދި އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާ އިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފަކު ވަކި ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕާފޯމަންސް އޮޑިޓާއި ހިއުމަން ރިސޯސް އޮޑިޓް ސިވިލް ސާވިސް ކޮމިޝަނުން ކޮށްދެއްވައިފި ނަމަ ސަރުކާރުން އެކަން އުފަލާއި އެކީ ބަލައިގަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަހަރަކު އެއް ފަހަރު ނުވަތަ ތިން ހަތަރު އަހަރުން އެއް ފަހަރު ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް، ބައެއް އިދާރާތަކުގައި ދާއިމީ ސެކްޝަންތައް އުފައްދާފައި ހުންނަ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އައިޓީ ސެކްޝަނުތަކަކީ ބައެއް ވުޒާރާތަކުގައި ދާއިމީ ސެކްޝަނުތައް ކަމަށެވެ. ނަމަވެސް އެފަދަ މަސައްކަތްތަކަކީ ކޮންޓެރެކްޓަށް ކުރެވޭނެ މަސައްކަތްތައް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ދެރަ ގޮތެއް ނުވާނެ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފަ އެވެ. އަދި އެ މުވައްޒަފުން ސަރުކާރުގެ އެހެން އޮފީސްތަކަކަށް ބަދަލު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.