އެތެންސް (ޑިސެމްބަރު 21): ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް އިޢުތިރާފް ވުމަށް ގްރީސްގެ ޕާލަމެންޓުން ތައްޔާރުވަމުންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

ގްރީސްގެ ސަރުކާރާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މާދަމާ ބާއްވާ ގްރީސްގެ ޕާލަމެންޓްގެ ޚާއްސަ ޖަލްސާއަކީ ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން ދައުލަތަށް އިޢުތިރާފްވުމާބެހޭ ގަރާރެއް ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ. މިގަރާރު ފާސްވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ގްރީސްގެ ޕާލަމެންޓާގުޅޭ ދާއިރާތަކުން ބުނެއެވެ.

ގްރީސްގެ ޕާލެމެންޓުގެ ޚާރިޖީ ކަންކަމާބެހޭ ކޮމިޓީގެ އިއްތިފާގުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފް ވުމަށް ނިންމާފައެވެ. މިނިންމުން ޕާލަމެންޓްގެ ތަޅުމަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާދަމާ މިކަމަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާގައެވެ. މިޖަލްސާއަށް ޚާއްސަ މެހްމާނެއްގެ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ޙާޒިރުވެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

އައްބާސް މިހާރު އުޅުއްވަނީ ގްރީސްގެ ސަރުކާރުގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. އައްބާސް މިއަދު ވަނީ ގްރީސްގެ ބޮޑުވަޒީރު އެލެކްސީސް ސިޕްރާސްއާ ބައްދަލުކުރައްވާފައެވެ. ގްރީސްގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި އެގައުމުގެ ޕާލަމެންޓުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމުގެ ގަރާރު ފާސްކުރުމުން ގްރީސްގެ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީ ސިފައެއްގައި ގަބޫލުކޮށް އެދައުލަތަށް އިޢުތިރާފްވާނެއެވެ. އަދި ދައުލަތެއްގެ ރަސްމީ ދަރަޖަވެސް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް ދޭނެއެވެ.

ގްރީސް އަކީ އަބަދުވެސް ފަލަސްތީނަށް ހަމްދަރްދީވާ ގައުމެކެވެ. އަދި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ހައްގުތަކަށް ގޮވާލާ ގައުމެކެވެ. މީގެއިތުރުން ފަލަސްތީނުގެ ބިމުގައި އިސްރާއީލެކޭ އެއްގޮތަށް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އޮންނަންޖެހޭނެ ކަމަށްވެސް ގްރީސް އިން ވަކާލާތު ކުރަމުން ގެންދެއެވެ.

ގްރީސްއަކީ އިސްރާއީލާއެކުވެސް އާދައިގެ ސިޔާސީ ގުޅުންތަކާއި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބާއްވާ ގައުމެކެވެ. ނަމަވެސް މިފަހަކަށް އައިސް ގްރީސް އިންވަނީ އިސްރާއީލާއެކު ބާއްވާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ކުރިޔަށްވުރެ ބަދަހިކޮށްފައެވެ. މިކަމާގުޅިގެން ގްރީސްގެ ބޮޑުވަޒީރު ވިދާޅުވީ މިއީ ގްރީސް އިން ފަލަސްތީނުގެ ހައްގުތަކަށް ގޮވާލާ ގޮވާލުންތަކަށް ހުރަސްއެޅޭނެ ގުޅުންތަކެއް ނޫންކަމުގައެވެ.

މިދިޔަ އަހަރާއި މިއަހަރު ތެރޭގައި ޔޫރަޕްގެ އެތަށް ގައުމެއްގެ ޕާލަމެންޓުންވަނީ ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން ދައުލަތަށް އިޢުތިރާފްވުމުގެ ގަރާރުތައް ފާސްކޮށްފައެވެ. މިގޮތަށް ގަރާރުތައް ފާސްކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ސްޕޭން އާއި ފަރަންސޭސިވިލާތާއި ރިޕަބްލިކް އޮފް އަޔަލޭންޑް ފަދަ ގައުމުތައް ހިމެނެއެވެ. ނަމަވެސް ޔޫރަޕްގެ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން މިގައުމުތަކުގެ ސަރުކާރުތަކަށް ހިންގަމުން ގެންދާ ބާރާއި ނުފޫޒުގެ ސަބަބުން އެސަރުކާރުތައް އަދިވެސް ވަނީ ފަލަސްތީނުގެ ދައުލަތަށް އިޢުތިރާފް ވުމަށް ފަސްޖެހިފައެވެ. (އަލްޖަޒީރާ)