21 Dec 2015, 15:38
ބަންޑާރަ ކޮށީގައި ބަންދުކޮށްފައި ހުރި ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) ދޫކޮށްދިނުމަށް އެމްއެންޑީއެފްގެ މައްޗަށް އަމުރު ނެރެދިނުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފިއެވެ.
ފަޔާޒުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ސަން އަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖާކޮށްދިނުމަށް އެދި އެ ކޯޓުގެ ގާޒީންގެ މަޖިލީހަށް މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހެޅޭ އެއްވެސް މައްސަލައެއް އެކަށީގެންވާ ސަބަބެއް ނެތި ބަލައިނުގަތުމުގެ ބާރު ކޯޓުތަކާ ބެހޭ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އިން ރަޖިސްޓްރާއަށް ލިބިދީފައިނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތީ ފަޔާޒު ސިފައިންގެ އެއްވެސް މަރުކަޒެއްގައި ބަންދުކޮށްފައި ނުވާ ކަމަށް ބުނެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން އިން ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން އެގޮތަށް ބުނިނަމަވެސް ފަޔާޒު ހުރީ ބޭރަށް ނުކުތުން މަނާކޮށް ބަންޑާރަ ކޮށީގައި ބަހައްޓާފައެވެ.