21 Dec 2015, 14:46
މިނިވަން 50 އާ ގުޅުވައިގެން، ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ބަން ކަޅުއޮށްފުންމި، ބަހައްޓާނެ ތަނެއް ތައްޔާރު ކުރެވެންދެކަށް ފޭދޫފިނޮޅަށް ގެންގޮސްފި އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) މިއަދު ސަން އަށް ވިދާޅުވީ އިއްޒައްދީން ފާލަންކައިރީ، މާލޭ ފަޅުތެރޭގައި ކަޅުއޮށްފުންމި ބޭއްވުމަށް ފަހު ފޭދޫފިނޮޅަށް ގެންގޮސްފައި ވަނީ އޮޑި ބާއްވާނެ ވަކި ތަނެއް ކަނޑައެޅެންދެން ކަމަށެވެ.
ގައުމީ ދުވަހުގެ އިހްތިފާލުތަކަށް ހއ. އުތީމަށް ކަޅުއޮށްފުންމި އުތީމަށް ގެންދިއުމަށް ފަހު އެ އޮޑި މާލެ ގެނެސްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ކުރިން ހޯމް މިނިސްޓްރީން ބުނެފައި ވަނީ ކަޅުއޮށްފުންމި ބޭނުންކުރާނީ ތާރީހީ އެއްޗެއްގެ ގޮތުގައި ކަމަށާއި އެގޮތުން ހެރިޓޭޖް ކުރިމަތީގައި އާންމުންނަށް ފެންނާނެހެން ކަޅުއޮށްފުންމި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާޒް ސަލީމް ވިދާޅުވީ އެގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ހައުސިން މިނިސްޓްރީން އެސަރަހައްދަށް ބަދަލުތަކެއް ގެންނަން ނިންމާފައި ވާތީ އަދި ބާއްވާނެ ވަކި ތަނެއް ފައިނަލް ނުކުރެވޭ ކަމަށެވެ. އަދި ވަކި ތަނެއް ކަނޑައެޅެންދެން ކަޅުއޮށްފުންމި ފޭދޫފިނޮޅަށް ގެންދިޔައީ މާލޭގައި ބޭއްވުމަށް ވުރެ ރައްކާތެރި ވާނެތީ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނުން މިހާރު ހުރީ ދާރުލްއާސާރުގެ ބޭރު ގޯތިތެރޭގައި ހުރި ބިޔަ ގަސް ކައިރީގައި ބޭރުގައި ބާއްވަން،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ބޭރުގައި އޮޑި ހައްޓާނީ ހަލާކު ނުވާނެ ގޮތަކަށް ހިޔާ ކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 10 ނުވަތަ 15 ދުވަހުގެ ތެރޭގައި ކަޅުއޮށްފުންމި ދާރުލްއާސާރުގައި ބަހައްޓާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ފަންސާސް އެއް ފޫޓު ހަ އިންޗީގެ ދިގު މިނުގެ މި އޮޑި ބަނުމަށް އެއް މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ބޮޑުތަކުރުފާނު ބެންނެވި ކަޅުއޮށްފުންމީގެ ކުރެހުމެއް ތާރީހުން ފެންނަން ނެތުމާ ގުޅިގެން، މި އޮޑި ބަނުމަށް ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ތާރީހީ ފޮތްތަކުގައި އޮޑި ސިފަކޮށްދީފައިވާ ގޮތަށް ބަލައިގެން އޮޑި ފަރުމާކޮށްފައި ވަނީ، އަހްމަދު ވަޖީހު އެވެ. ނަމަވެސް ބައެއް ތާރީހީ އިލްމުވެރިން ވިދާޅުވަނީ އަލަށް ބަން އޮޑި ކަޅުއޮށްފުންމިއާ ފުށުއަރާ ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ.