11 Apr 2011, 19:44
ޑޮލަރު ވިއްކާ ރަސްމީ ރޭޓް 10.28ރ. އާއި 15.42ރ. އާ ދެމެދު ޕެގް ކުރުމުން ރާއްޖެ މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ތިން މަސް ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އާ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރުކަމާއި އިއްޔެ ހަވާލުވެވަޑައިގަތް ޒުވާން މިނިސްޓަރު ވިދާޅުވީ، ޑޮލަރު ވިއްކޭނީ 10.28ރ. އާއި 15.42ރ. އާ ދެމެދުގެ އަގެއްގައި ކަމަށް ކަނޑައަޅައި، ބާޒާރަށް އާންމުކޮށް ދޫކޮށްލުމުން ޑޮލަރުގެ އަގު އަމިއްލައަށް ތިރިވާނެ ކަމަށެވެ.
ނަމަވެސް، ސަރުކާރުން އަމާޒުކޮށްފައިވާ ގޮތަށް ޑޮލަރެއް 10ރ. ގެ ރޭޓަށް ކުޑަވެގެން ގޮސް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބުމަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމުގައި އިނާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު އެހެން މަންޒަރެއް ފެނުނަސް އަޅުގަނޑުމެން އުންމީދު މިކުރަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެހެން މަންޒަރެއް ފެންނާނެ ކަމަށް. އެއީ ޑޮލަރުގެ މައްސަލަ ހަމަ އަކަށް އެޅި އޭގެ ޒާތުގައި މާކެޓް ސްޓެބިލައިޒް ވާތަން އަޅުގަނޑުމެންނަށް ފެންނާނެ ކަމަށް،" ކުރިން އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަމާއި އަދި ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައިވާ އިނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު އަމަލުކުރަން ފެށި މެނޭޖްޑް އެކްސްޗޭންޖް ރޭޓުގެ އެންމެ މުހިންމު މަގުސަދެއްކަމުގައި ވާނީ ސަރުކާރުގެ ޑެފިސިޓް ކުޑަކޮށް ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅު ކުރުން ކަމަށާއި އެކަންތައްތައް ހާސިލްވަމުން އަންނަ މިންވަރަށް ބަލާ ޑޮލަރުގެ އަގަށް ބަދަލު ގެންނާނެ ކަމަށެވެ.
"ވަރަށް ކައިރިން އަޅުގަނޑުމެން ބަލަމުން ގެންދާނަން އަންނަ ބަދަލުތަށް. އެގޮތަށް ބަލައި އަޅުގަނޑުމެން ޖެހިދާނެ މިހާރުގެ ބޭންޑް ]ޑޮލަރު ވިއްކާ ރޭޓް[ ބަދަލުކުރަން. މިއީ ދާއިމީ ބޭންޑް އެއްނޫން. މި އަޅުގަނޑުމެން ރިވައިޒް ]ބަދަލު[ ކުރާނަން،" އިނާޒް ވިދާޅުވި އެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓާ މަހުމޫދު ރާޒީ އާއި ސްޓޭޓް މިނިސްޓާ އަހުމަދު އަސްއަދު ވެސް ބައިވެރިވެވަޑައިގެން ޑޮލަރުގެ އަގު ބޮޑުކުރަން ޖެހުނު ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަދެއްކެވި އެވެ.
ރާޒީ ވިދާޅުވީ ޑޮލަރުގެ އަގަށް އައި ބަދަލާ އެކު މުދަލުގެ އަގު އަތް ނުފޯރާ ފަށައް އަރައިގެންދިޔަ ނުދިނުމަށްޓަކާ އޯޕަން މާކެޓް އޮޕަރޭޝަން އާއި އެހެނިހެން އިގްތިސޯދީ ފިޔަވަޅު ތަކުން އެކަން ހަމަމަގަށް އެޅުވޭނެ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އަޅުއްވާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް އެބޭފުޅުން ވިދާޅެއްނުވެ އެވެ.
ސްޓޭޓް މިނިސްޓާ އަސްއަދު މިއަދު ވިދާޅުވީ، މެނޭޖިން އެކްސްޗޭންޖް ރޭޓްގެ ސަބަބުން ޑޮލަރަށް އޭގެ ހަމަ އަގު ލިބެން ފަށާނެ ކަމަށާއި އޭރުން އެމީހަކު ބޭނުން ބޭންކަކާ ދިމާލަށް ގޮސް ޑޮލަރުގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
"އެމީހަކު ހިތްހަމަޖެހޭ ބޭންކަކަށް ދެވޭގޮތަށް ފުރުސަތު މި ހުޅުވުނީ. އެއީ އެކި ބޭންކުތަކުގައި އެކި އަގު ހުންނާނީ. އެގޮތުން އަޅުގަނޑުމެން މި އެދެނީ އެންމެންގެ ކިބައިން ވެސް ބެންކަށް ގޮސްގެން ވިޔަފާރިކުރަން ބޭންކުގެ ނިޒާމުގެ ތެރެއިން. މިކަން ހައްލުކުރެވޭނީ ރައްޔިތުން ވެސް މިކަމަށް ތައްޔާރުވެގެން،" އަސްއަދު ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ގެ ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ފުލުހުން އޮޕަރޭޝަނެއް ފެށިތާ މަދުދުވަސްކޮޅެއްގެ ތެރޭ ސަރުކާރުން ވަނީ 12.85 އަށް ވުރެ 20 ޕަސަންޓު ބޮޑުކޮށް އަދި އެއަށްވުރެ 20 ޕަސަންޓު ކުޑަކޮށް ޑޮލަރު ވިއްކުމުގެ ހުއްދަ ދީފަ އެވެ. މި ނިންމުމާ ގުޅިގެން މިއަދު ގިނަ ބޭންކުތަކުން ވެސް ޑޮލަރު ދޫކޮށްފައިވަނީ 12.85 އަށް ވުރެ ބޮޑުކޮށެވެ.
ޑޮލަރު އަގުބޮޑުކޮށް ވިއްކޭނެ ގޮތަށް ސަރުކާރުން މާލީ ސިޔާސަތަށް ގެނައި މި ބަދަލަށް މަޖިލިސް މެމްބަރުންނާއި އަދި ވިޔަފާރިވެރިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.