22 Apr 2010, 15:24
19:00
ސްރީލަންކާގެ އިދިކޮޅު ލީޑަރ އަދި އެޤައުމުގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލް ސަރަތު ފޮންސެކާ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިވަންކޮށްފި އެވެ.
ސަރަތު ފޮންސޭކާ އެ ޤައުމުގެ ސަރުކާރުން މިނިވަންކޮށްފައި މިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބްގައި ރައީސް މަހިންދަ ރާޖަޕަކްސާ އެ އިންތިހާބް ކާމިޔާބު ކުރެއްވުމާ އެކު، ޖެނެރަލް ސަރަތު ފޮންސޭކާ އެ އިންތިހާބާ މެދު ހިތްހަމަނުޖެހިވަޑައިގެން އެ އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވާފައިވާ ކަމަށް ވިދާޅުވަމުންދިޔަ ދަނޑިވަޅެއްގައި، ރައީސް ރާޖަޕަކްސާ އަވަހާރަކޮށްލެއްވުމަށް އަސްކަރިއްޔާގައި އުޅުއްވި ދުވަސްވަރުން ފެށިގެން ސަރަތް ފޮންސެކާ ރާއްވަވާފައިވާ ކަމުގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިގެނެވެ.
އެހެން ނަމަވެސް ޖެނެރަލް ސަރަތު ފޮންސޭކާ ވަނީ ސަރުކާރުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
ނިމިގެންދިޔަ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޙާބްގައި ޖެނެރަލް ސަރަތު ފޮންސޭކާ ނިސްބަތްވެވަޑައިގެންނަވާ ޑެމޮކްރެޓިކް ނޭޝަނަލް އެލައެންސް ޕާޓީން ވަނީ ހަތް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެއް ގޮނޑި އޭނަ ވަނީ ހޯއްދަވާފަ އެވެ. އަދި މިއަދު އޮތް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތަށް އޭނާ ވަޑައިގެންފައިވަނީ އަސްކަރީ ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަވައިގެންނެވެ. އަދި އޭނާ ވަނީ މިއަދު އޮތް އެމަޖިލީހުގައި އޭނާ މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޖެނެރަލް ސަރަތު ފޮންސޭކާގެ މައްޗަށް އަސްކަރިއްޔާގެ ކޯޓުން ކޮށްފައިވާ ދައުވާ މިހާރު ވަނީ ދެ ހަފްތާއަށް ފަސްކޮށްފަ އެވެ. ސްރީލަންކާގެ އަސްކަރިއްޔާ އިން ސަރަތް ފޮންސޭކާ ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ.