21 Dec 2015, 15:30
ޒަމާނީ ފެންވަރަށް ދ. ކުޑަހުވަދޫގެ މަގުތައް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އެ ރަށުގެ ހަ މަގެއްގައި ތާރު އަޅައި ނިމިފައިވާ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.
ކުޑަހުވަދޫ މަގުތައް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެޓުގެ ދަށުން އެ ރަށުގެ 13 މަގެއްގައި ތާރު އަޅާނެ އެވެ. އެއީ އެ ރަށުގެ ބަނދަރު ސަރަހައްދު ހިމެނޭ ގޮތަށް 6.3 ކިލޯ މީޓަރުގެ މަގެވެ.
އެމްއާރްޑީސީގެ ކުޑަހުވަދޫ އޮފީހުން "ސަން"އަށް މިއަދު ބުނީ އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށާއި މިހާރު ވެސް މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރިއަށްދާ ރޭޓަށް ބަލައި، އަންނަ މަހުގެ ފަހުކޮޅު މަސައްކަތް ނިންމާލެވޭނެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމޭ އިރު، ރަށުގެ ފެން ހިންދާ ނިޒާމު ވެސް ގާއިމްކޮށް ނިންމާލެވޭނެ. މަގުތައް ޖަމާވާ ފެން ހިންދާނީ ރަށުގެ ބިންގަނޑަށް،" އެ އޮފީހުން ސަންއާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ކުޑަހުވަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ.
ކުޑަހުވަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި ވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.

ކުޑަހުވަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ.
އެމްއާރްޑީސީން ދަނީ ދަނީ މިހާރު ވެސް ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އާއި ހއ. ދިއްދޫ އާއި ތ. ވިލުފުށީގެ އިތުރުން އައްޑޫ ސިޓީ މީދޫގެ މަގުގެ ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އެ ރަށްތަކުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް އެމްއާރްޑީސީން ބުންޏެވެ.