އަފްޣާނިސްތާނަކީ އޭޝިއާގެ ފުޓްބޯޅައިގައި ދޮށީ ގައުމެކެވެ. އެގައުމުގައި ވަނީ 1922 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ ކުޅެން ފަށައިފައެވެ. އިނގިރޭސިން އިންޑިއާ އިސްތިއުމާރު ކޮށްގެން ތިބި ދުވަސްވަރު އަފްޣާންގެ ފުޓްބޯޅަ ޓީމަކުން ވަނީ އިންޑިއަން-ބްރިޓިޝް ޓީމާ ދެކޮޅަށް ކުޅެފައެވެ.

ނަވާރަސަތޭކަ ފަންސާސް ހަތަރު ވަނަ އަހަރު އޭޝިއާގެ ފުޓްބޯޅަ ޖަމްއިއްޔާ 'އޭއެފްސީ' އުފެދުނު އިރު އަފުޣާނިސްތާން ވަނީ އޭއެއެފްސީ އުފެއްދުމުގެ ފައުންޑާ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް ސިޔާސީ ހަމަނުޖެހުންތަކާއި ދާހިލީ އަރާރުން ތަކާހެދި 1984 ވަނަ އަހަރުން 2002 ވަނަ އަހަރާއި ހަމަޔަށް އަފްޣާނިސްތާންގެ ޓީމުން ވާދަވެރި އެއްވެސް ފުޓްބޯޅަ މެޗެއް ކުޅެފައެއް ނުވެއެވެ.

އަފްޣާނިސްތާންގެ ފުރަތަމަ ސާފް މުބާރާތަކީ 2003 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. އެއަހަރު މުބާރާތުން އެޓިމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އެއަށްފަހު ޕާކިސްތާންގެ ހުށަހެޅުމަކަށް ދެކުނު އޭޝިއާ ތަމްސީލު ކުރާ ސަރަހައްދީ އޯގަނައިޒޭޝަން 'ސާކު' ސަރަހައްދުގެ ރަސްމީ މެންބަރަކަށް އަފްޣާނިސްތާން ވިއެވެ.

ދެހާސްތިން ވަނަ އަހަރު މުބާރާތުގައި މުޅިން އަލަށް ވާދަކުރި އަފްޣާނިސްތާން ފާހަގަ ކުރެވެނީ އެންމެ އަވަހަށް ކުރިއެރުން ހޯދި ޓީމުގެ ގޮތުގައެވެ. 2003 ވަނަ އަހަރު މުބާރާތުން ކެޓީ ނަމަވެސް އޭގެ ދިހަ އަހަރު ފަހުން 2013 ވަނަ އަހަރު އެޓީމު މުބާރާތް ނިންމާލީ ނޭޕާލްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިއަހަރުގެ މުބާރާތުގައި އަފުޣާނިސްތާން ވާދަ ކުރަނީ ސާފް ސަރަހައްދުގެ ގައުމެއްގެ ގޮތަކުންނޫނެވެ. މުބާރާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުން އެޓީމު ވާދަ ކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ އެޓީމުގެ އެންމެ ފަހުގެ ސާފްގެ ފުޓްބޯޅަ މުބާރާޓެވެ.

އޭއެފްސީއިން އޭޝިއާގެ ފުޓްބޯޅައިގެ ސަރަހައްދީ އޮނިގަނޑަށް ގެނައި އާ ބަދަލުގެ ސަބަބުން އަފްޣާނިސްތާން މިހާރު ހިމެނެނީ ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ކަފާ) ގެ މެންބަރެއްގެ ގޮތުގައެވެ.

އަފްޣާނިސްތާން ހިމެނެނީ ރާއްޖެއާއި ބޫޓާންއާއި ބަނގުލަދޭޝްއާ އެކު ގުރޫޕް 'ބީ' ގައެވެ.

ދެހާސްތިން ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ. އެހެންވެ މިއަހަރުގެ މުބާރާތަށް ނިކުންނައިރު އަފްގާނިސްތާންގައި އޮތީ ޒުވާން ޓީމެކެވެ. ނަމަވެސް އަފްޣާނިސްތާންގެ ގައުމީ ޓީމުގެ ކޯޗް ޕީޓާ ސާގެޓް ގަބޫލު ކުރާ ގޮތުގައި އެޓީމަށް މިފަހަރުވެސް ސާފްގެ މުބާރާތް ކާމިޔާބު ކުރެވޭނެއެވެ.

އެޓީމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ޓްރޭނިން ޕްރޮގްރާމްތައް ފުރިހަމަކޮށްފައެވެ.

ސާގެޓްގެ ނަޒަރުގައި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އަފްޣާނިސްތާނާ ދެކޮޅަށް އެންމެ ބޮޑު ފައިޓެއް ދޭނީ ބަނގުލަދޭޝެއްއެވެ. އެހެން ނަމަވެސް އަފްޣާން ޓީމުން ވަނީ ފަސޭހަކަމާއެކު 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އިއްޔެ ބަނގުލަދޭޝް ޓީމު ބަލިކޮށްފައެވެ.

އަފްޣާނިސްތާންގައި ހިމެނޭ ކުޅުންތެރިންނަށް ބަލައިލާއިރު އެޓީމުގައި ގިނައީ، ބޭރު ލީގްތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އެގޮތުން ޖަރުމަންއާއި ޑެންމާކާއި ނޯވޭގެ ދެ ވަނަ ޑިވިޝަން ކުލަބުތަކުގައި ކުޅެމުންދާ ކުޅުންތެރިން އަފުޣާނިސްތާންގައި ގިނައެވެ.

އަފުގާނިސްތާންގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ސުޕަލީގްގެ މުންބާއީ އަށް ކުޅެމުނގެންދާ މިޑްފީލްޑަރު އަހްމަދު ހާތިފީއާއި ޖަރުމްނަގެ ދެ ވަނަ ޑިވިޝަންގެ ކުލަބު އެފްސީ އެސްޓީ ޕައިލްއަށް ކުޅެމުންގެންދާ މުސްޠަފާ ޒާޒީ ހިމެނެއެވެ.