އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގދ. ތިނަދޫގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

ތިނަދޫގެ އަންހެނުން އިސްނަގައިގެން އެރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވި ހިނގާލުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

އެގޮތުން އެ ހިނގާލުމުގައި ދެ ޖިންސުގެ މީހުން ހިމެނޭ ގޮތުން 350 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

ތިނަދޫގައި އިއްޔެ ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި -- ފޮޓޯ: ފޭސްބުކް

"ހޭލަމާ އަންހެނުން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ މަގުސަދަކީ އަންހެނުންނަށް ލިބެމުންދާ އަނިޔާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަންހެނުން ހޭލުންތެރި ކުރުވުން ކަމަށް ހިނގާލުން އިންތިޒާމް ކުރި ފަރާތުން ބުނެއެވެ.

ތިނަދޫގައި އިއްޔެ ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި -- ފޮޓޯ: ފޭސްބުކް

އެ ހިނގާލުމުގައި ޝުއޫރުތައް ފާޅުކޮށްފައިވާ ބެނާތަކާއި ލިޔުންތައް ބޭނުންކޮށްފައި ވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފިރިމީހާ ޖިންސީ އަނިޔާ ކުރުމުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ގެންދާ އެރަށު ތޭންކް، ޒިޔާދާ ނައީމަށް އަވަސް ޝިފާއެއް މިންވަރު ކުރުމަށް އެދި ހާއްސަ ދުއާއެއް ކޮށްފައިވާއިރު އެނާއަށްޓަކާ ހާއްސަ ސުކޫތެއް ގެނެސްފައިވެއެވެ.

ތިނަދޫގައި އިއްޔެ ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި -- ފޮޓޯ: ފޭސްބުކް

ޒިޔާދާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. ހޮސްޕިޓަލުން މިއަދު ބުނީ އަންހެން މީހާގެ ހާލު މީގެކުރިން މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް މިއަދު އަންހެން މީހާގެ ހާލަ ސީރިއަސް ކަމަށެވެ.

މައްސަލައިގައި ހައްޔަރު ކުރެވުނު ޒިޔާދާގެ ފިރިމީހާ އިބްރާހިމް ޝާހު 40، ގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.