ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ އިނާޔަތްތައް ބޮޑު ކުރެވޭނީ އެ ސާވިސްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މަދުކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އިފްތިތާހުކުރަން ހޮޓެލް ޖެންގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހަދައިދިނުމަށް ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތް ހަދައި ދެވޭނެ ކަންތައްތަކުގެ ތެރޭގައި އެ މުވައްޒަފުންގެ އިނާޔަތްތައް އިތުރުކުރުން ހިމެނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އިނާޔަތްތައް ބޮޑުކުރާ ނަމަ އަޅުގަނޑުމެންނަށް އެފޯޑަބަލް(އަތްފޯރާ ވަރުގެ) ސިވިސް ސާވިސްއެއް އެބަ އޮންނަން ޖެހޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން ޕާފޯމަންސް އޮޑިޓަކާއި ރިލޭޓެޑު ހިއުމަން ރިސޯސް އޮޑިޓެއް ހަދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ސެންޓުރަލް ލައިސެންސް އޮތޯރިޓީއެއް އުފައްދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިހާތަނަށް ސިވިލް ސާވިސް އިން އެފަދަ އޮޑިޓެއް ހަދާފައި ނުވާ ކަމަށެވެ.

ސިވިލް ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން ރައީސް ޔާމީން މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ކޮމްޕްރިހެންސިވް ހިއުމަން ރިސޯސަސް އޮޑިޓެއް ނުހެދޭތީ މިވާ ގޮތަކީ އަޅުގަނޑަށް މިއަދު މިތާ ހުރެގެން ދަންނަވާލަން ކެރިދާނެ ދިވެހި ސިވިލް ސާވިސަކީ އޯވާ ސްޓާފް ސިވިލް ސާވިސްއޭ. ނޫނިއްޔާ ސަރުކާރުގެ ތަންތަނުން ހިދުމަތްދޭ މިންވަރަށް ވުރެ ސިވިލްސާވިސްގެ ހިދުމަތްދޭ މުވައްޒަފުންގެ އަދަދު މާ އެތައް ގުނައެއް އިތުރުކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުން ގިނަކަން އެމަނިކުފާނަށް ފާހަގަ ކުރެވިގެން ދިޔައީ ސިވިލް ސާވިސް ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވި ސިޓީއަކުން ކަމަށެވެ.

"ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި އަޅުގަނޑު ފޮނުވި ސިޓީއެއްގެ ޖަވާބުގައި މި އަންނަނީ ސިވިލް ސާވިސް މުވައްޒަފުން އޯވާ ސްޓާފު ކަމަށް. ސިވިލް ސާވިސަކީ ސިވިލް ސާވިސް މުވައްޒަފުންނަކީ އެމްޕުލޯއީސް ސެންޓަރަކަށް އެބަ ވާންޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.