21 Dec 2015, 12:57
އިންޑޮނީޝިއާގެ ސުލަވެސި ޕްރޮވިންސްގައި ހިނގި ފެރީ ބަންޑުންޖަހާލުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑޮނީޝިއާގެ ސުލަވެސި ޕްރޮވިންސްގައި ހިނގި ފެރީ ބަންޑުންޖަހާލުމުގެ ޙާދިސާގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި އެ ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފާވާ މީހުން ހޯދުމުގެ މަސައްކަތަށް ކާމިޔާބު ދެއްވައި ވިހާވެސް ގިނަ ބަޔަކު ސަލާމަތްކުރެއްވުމަށް އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމައިގައި އެމަނިކުފާނާއި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އިންޑޮނީޝިއާގެ ރައީސަށާއި، އިންޑޮނީޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ވިދާޅުވެފައިވެ އެވެ. އަދި އެ ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެ ގައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވައި، އެ މަސައްކަތް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެ އެވެ.