ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، އަަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ޝަރީޢަތަކާ ނުލައި ބަންދުކޮށްފައި ހުންނަ މައްސަލާގައި، އެ ޕާޓީން ބައިނަލްއަގުވާމީ ސަފީރުންނާ އެކު މަޝްވަރާކޮށްފި އެވެ.

މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ މެމްބަރު ސިދާތާ ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ޚަރިޖީ ސިޔާސަތުތައް އަމާޒުވެފައިވާ ގޮތާ ގުޅޭގޮތުން ކޮލަމްބޯގައި ތިއްބަވާ ސަފީރުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ ބައްދަލުވުންތަކުގައި އީޔޫގެ ސަފީރުން ވެސް ބައިވެރިވި އިރު، އަދާލަތު ޕާޓީގެ ފަރާތުން ބައްދަލުވުންތަކުގައި ބައިވެރިވީ ސިދާތާއެވެ.

ސިދާތާ ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ މަސްރަހުގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ ކުރިއަށް ދާގޮތާ ގުޅިގެން ހާއްސަގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

"ޝަރީއަތަކާ ނުލައި އެމަނިކުފާނު ބަންދުގައި ދުވަސްތައް ގުނަމުން ގެންދާ ވާހަކަ އަޅުގަނޑުމެން ވަރަށް ތަފްސީލުކޮށް އެފަރާތްތަކާ ހިއްސާ ކުރިން،" ސިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްރާން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ބޭރުގެ ސަފީރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

"ވަރަށް ބޮޑަށް ކަންބޮޑުވި އަދާލަތު ޕާޓީގެ ރައީސް އެއްވެސް ޝަރީޢަތަކާ ނުލައި ހުކުމް ކުރުމަކާ ނުލައި އަދަބު ލިބެމުން އަދި ބަންދުގައި ދުވަސްތައް ގުނަމުން ދާ ކަމަކީ އެއްގޮތަކަށް ވެސް ބައިނަލްއަގްވާމީ ދުނިޔޭގައި އެކަން ބަލައިގަންނާނެ ކަމެއް ނޫންކަން ހަމަ ހުރިހާ ބޭފުޅުން ވެސް ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.