ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތައް މިއަދު ފަށައިފި އެވެ.

މަޝްވަރާތައް ކުރިއަށްގެންދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. އެ މަޝްވަރާ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗައިނާ އެމްބަސީގެ އިސްވެރިންނާއި ޗައިނާ އަދި ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެ އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ކުރިއަށް ދަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ މަޝްވަރާތައް ފެށުމުގެ ކުރިން ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މަޝްވަރާތައް ވީހާވެސް އަވަހަކަށް ނިންމައި އެ މަޝްވަރާތަކަކީ ކާމިޔާބު އަދި ދެ ގައުމުގެ އިގްތިސާދަށް ވެސް ފައިދާ ހުރި މަޝްވަރާތަކަކަށް ހެދުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އިކޮނޮމިކް ދާއިރާ އިން އޮތް ގުޅުން ވީހާ ވެސް ވަރުގަދަކޮށް އެގުޅުން ދެމެހެއްޓޭނެ ގޮތްތަކަކަށް މަސައްކަތް ކޮށްފި ނަމަ ދެ ގައުމުގެ އިގްތިސާދަށް ވެސް އޭގެ އެދެވޭ އަސަރުތައް ކުރާނެ ކަމަސް ގަބޫލުކުރައްވާ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމްކުރުމުގެ މަޝްވަރާ ކަރުދާހުގައި ސޮއިކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ކުރިއަށް ދަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އެހެން ގައުމަކާ އެކު ރާއްޖެ ފްރީ ޓްރޭޑް އެގްރީމެންޓަކަށް ވަނުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރު ކަމަށާއި އެ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ އިގްތިސާދީ ގޮތުން ރާއްޖެ އަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

އިންވެސްޓްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވިޔަފާރީގެ މާހައުލު ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑްމެންޓް އެގްރިމެންޓަކީ އެ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.