މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބަލިމީހާއާ ގުޅޭ ސިއްޚީ މައުލޫމާތާއި އިރުޝާދުތައް އެއްތަނުން އަނެއް ތަނަށް ފޮނުވައި، ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ޓެލެމެޑިސިން ސިސްޓަމްތައް ރާއްޖޭގައި 35 ސިއްހީ މަރުކަޒެއްގައި ގާއިމުކުރުމުގެ މަސައްކަތް 2.5 މިލިއަން ޑޮލަރަށް ހެލްތު މިނިސްޓްރީން ދިރާގާ ހަވާލުކޮށްފި އެވެ.

ޓެލެމެޑިސިން ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓުގައި ސޮއިކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުވާސަލާތީ އެންމެ ބޮޑު ކުންފުނި، ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް ސަވިސަސް ޑރ. އިބްރާހިމް ޔާސިރު އަހުމަދެވެ.

މި އެއްބަސްވުމަކީ، ޔޫއޭއީގެ ހަލިފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަނުން ރާއްޖެއަށް ޓެލެމެޑިސިން ހިދުމަތް ތައާރަފްކުރުމަށް ހިންގާ "ސަޕޯޓް ފޯ ޓެލެމެޑިސިން ޕައިލެޓް ޕްރޮޖެކްޓް އިން މޯލްޑިވްސް އެންޑް މެޑިކަލް ސްޓާފް ޓްރެއިނިންގ" ގެ ދަށުން 35 ސިއްހީ މަރުކަޒުގައި ޓެލެމެޑިސިން ސިސްޓަމް ގާއިމްކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން އެ މަރުކަޒުތަކުގައި ޓެލެމެޑިސިންގެ ހިދުމަތް ދިނުމުގައި މުޅި ދުނިޔޭގައި މަޝްހޫރު ސިސްޓަމެއް ކަމުގައިވާ "އޭއެމްޑީ ކިއޯސްކް" ގާއިމުކޮށް، އޭގެ ސޮފްޓްވެއާ އާއި، އެކަމަށް ބޭނުންވާ މުވަޒަފުން ދިރާގުން ތަމްރީނުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން 100 ދުވަހުގެ ތެރޭގައި، ދިރާގުން އެ 35 މަރުކަޒުގައި ޓެލެމެޑިސިން ސިސްޓަމް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

".. 2.5 މިލިއަން ޑޮލަރުގެ އަގުހުރި މި މަސައްކަތު އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ދިރާގުން ސޮއިކުރާތާ 100 ދުވަހުގެ ތެރޭގައި 35 މަރުކަޒުގައި މި ނިޒާމް ގާއިމްކުރަން ޖެހެ އެވެ،" ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ދިރާގުން ވަނީ މިއަހަރު ޖެނުއަރީ މަހު ތެރޭ ދެ މިލިއަން ރުފިޔާގެ ޓެލެމެޑިސިން ސިސްޓަމެއް ވެސް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފަ އެވެ. އެ ސިސްޓަމް ބަހައްޓާފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

ގދ. ގެ ހޮސްޕިޓަލުގެ އިތުރުން "އިންޓަގްރޭޓަޑް ހިއުމަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ބ އަތޮޅާއި ދ، އަދި ޅ. އަތޮޅު ހޮސްޕިޓަލުގައި ވެސް ޓެލެމެޑިސިން ހިދުމަތް ދޭނެ ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލުން ޑިއުޓީ ރޯސްޓަރެއެއްގެ ދަށުން ކޮންމެ ދުވަހަކު ގަވާއިދުން އެ ހަތަރު މަރުކަޒަށް ބޭނުންވާ އެހީތެރިކަން ސްޕެޝަލިސްޓުން މެދުވެރިކޮށް ޓެލެމެޑިސިންގެ ޒަރީއާއިން ދެމުންދާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޔޫއޭއީގެ ހަލީފާ ފައުންޑޭޝަނުން ތިން އަހަރަށް ކުރިއަށްގެންދާ ޓެލެމެޑިސިން ޕްރޮޖެކްޓުގެ ދަށުން ޓެލެމެޑިސިން ދޭނެ ދިވެހި އަށް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 70 ނަރުހުންނާއި ބަޔޯމެޑިކަލްގެ ދެ ސްޓާފުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރެއިން ބޭރު ގައުމުތަކުގައި ޑޮކްޓަރުން ތައުލީމް ހާސިލްކުރައްވަމުންދާއިރު 29 ނަރުހުންނަށް ގައުމީ ޔުނިވާސިޓީގައި ތަމްރީނު ދެމުންދާ ކަމަށް ވެސް ބުންޏެވެ. އަދި އިތުރު 31 ނަރުހުން ޓްރެންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.