21 Dec 2015, 11:45
އައްޑޫ ސިޓީގެ ހުޅުމީދޫގެ މަގުތަކުގައި ގާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމީދޫގެ މަގުތަކުގައި ގާ އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި އިކޮނޮމިކް މިނިސްޓްރީއާއި އައްޑޫ ސީޓީގެ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހުޅުމީދޫގައި ގާ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----
ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު މިއަދު ސަން އަށް ވިދާޅުވީ ގާއަޅަމުންދަނީ ހުޅުމީދޫގެ ހަތަރުމަގެއްގައި ކަމަށެވެ. އަދި އެ ދެ ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ނިންމެވީ މި ދެ ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅާފަ ކުދި ގޯޅިތަކުގައި ގާ އަޅަން. އެގޮތުން އެންމެ ފުރަތަމަ ހުޅުދޫ މީދޫގެ ހަތަރު މަގެއްގައި ގާ އެޅުމުގެ މަސައްކަތް މިފެށުނީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެ ދެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށެވެ.
"މިހާރު ފެންއަޅައި ނިމިފައި މިވަނީ ހުޅުދޫގައި. މި އަންނަ އަހަރު އޭޕްރީލްގައި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެން އަންނަ އަހަރު ޑިސެމްބަރު މަހު ނިމުނީމާ ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ،" ޝާހިދު ވިދާޅުވި އެވެ.
ހުޅުދޫގައި އިއްޔެ އިކޮނޮމިކް މިނިސްޓަރުގެ ޝަރުފައި ބޭއްވި ފަރިއްކޮޅުގެ ތެރެއިން ----
ހުޅުދޫ އާއި މީދޫގެ ބޮޑެތި މަގުތަކުގައި ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާއެއްޗިއްސަށާއި ހިނގައިބިނގައިވެ އުޅުމަށް ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.