އަނބިމީހާ އަށް ޖިންސީ އަނިޔާ ކުރި ފިރިމީހާ އިބްރާހިމް ޝާހު 40، ގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިއަދު ވިދާޅުވީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ހަތް ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބުނު އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. ހޮސްޕިޓަލުން މިއަދު ބުނީ އަންހެން މީހާގެ ހާލު މީގެކުރިން މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް މިއަދު އަންހެން މީހާގެ ހާލަ ސީރިއަސް ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާ އެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޖެންޑާ މިނިސްޓްރީންކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އަންހެނަމީހާ އަށް އަނިޔާކުރި މައްސަލަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލާގައި އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.