21 Dec 2015, 10:10
ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުންދާ ގދ. ތިނަދު އަށް ނިސްބަތްވާ އަންހެން މީހާގެ ހާލު އަނެއްކާ ވެސް ސީރިއަސް ވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ އަންހެން މީހާގެ ހާލު އިއްޔެ ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް މިއަދު އޭނާގެ ހާލަތު ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ހޮސްޕިޓަލުން ބުނީ އަންހެން މީހާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
އަންހެން މީހާއަށް އަނިޔާކުރި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާ އެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޖެންޑާ މިނިސްޓްރީންކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އަންހެނަމީހާ އަށް އަނިޔާކުރި މައްސަލަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލާގައި އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.