21 Dec 2015, 10:17
ކައިރޯ (ޑިސެމްބަރ 21): މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީގެ ފޮޓޯއެއްގައި "މިކީމައުސް ކަންފަތް" ފޮޓޯޝޮޕް ކުރުމުގެ ސަބަބުން މިސްރުގެ ރައްޔިތެއް ކަމަށްވާ، އަމްރު ނޯހާންއަށް އެގައުމުގެ އަސްކަރީ ކޯޓަކުން ތިން އަހަރުގެ ޖަލު ހުކުމް ކޮށްފި އެވެ.
ބާވީސް އަހަރުގެ އަމްރު އެފޮޓޯ ފޭސްބުކަށް ލާފައި ވަނީ މީގެ ހަތަރު މަސް ކުރިންނެވެ. އޭރުވެސް އަދި އޭނާ އަށް ހުކުމް ކުރި އިރު ވެސް އަމްރު ހުރީ މިސްރުގެ އަސްކަރިއްޔާގެ ހިދުމަތުގައި އެވެ. ޝަރުތު ހަމަވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ މިސްރުގެ ފިރިހެނުން ވަކި މުއްދަތެއް ވަންދެން އެގައުމުގެ އަސްކަރިއްޔާގައި ހިދުމަތް ކުރުމަކީ މަޖުބޫރު ކަމެކެވެ.
އަސްކަރިއްޔާގެ ޕްރޮސިކިއުޓަރަކު އަމްރާ ދެކޮޅަށް ކޮށްފައިވާ ދައުވާ އަކީ އަސްކަރިއްޔާގެ މެމްބަރެއްގެ ގޮތުގައި ހުރެގެން އާއްމު ކޮށްގެން ނުވާނެ ފޮޓޯ އެއް ފޭސްބުކުގައި އާއްމު ކުރުމެވެ.
އެހެން ކަމުން އަމްރަށް ތިން އަހަރުގެ ޖަލު ހުކުމް ކޮށްފައި ވަނީ އަސްކަރިއްޔާގެ މެމްބަރެއްގެ ގޮތުގައި ހުރެގެން ކޮށްގެން ނުވާނެ އަމަލެއް ކުރުމުގެ ކުށުގައާއި "ސަރުކާރާ ދެކޮޅު ހިޔާލުތައް ގެންގުޅުމުގެ" ކުށުގައި އެވެ.
އިންޓަނެޓް މެދުވެރިކޮށް މިސްރުގެ ސަރުކާރަށް ފާޑުކިޔުން މިހާރު ވަނީ އާއްމުކަމަކަށް ވެފަ އެވެ. (ނިއުސްއޭޖެންސީތައް)