ސްޕެނިޝް ލީގްގައު ރެއާލް މެޑްރިޑްއާ ރަޔޯ ވަޔަކާނޯ ރޭ ކުޅުނު މެޗް 10-2ގެ ބޮޑު ތަފާތަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

ރޭގެ މެޗުކާމިޔާބުކުރުމުން ރެއާލް އޮތީ 16 މެޗުން 33 ޕޮއިންޓް ލިބިގެން ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 15 މެޗުން ލިބެނީ 35 ޕޮއިންޓްޓެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ބާސާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އޮތީ ލަނޑުގެ ތަފާތުންނެވެ. ރޭ އެތުލެޓިކޯ މަލާގާ އަތުން ބަލިވީ 0-1 ގެ ނަތީޖާ އަކުންނެވެ.

ވަޔަކާނޯގެ ދެ ކުޅުންތެރި އަކަށް ރަތް ކާޑު ދެއްކި އެ މެޗްގައި ފުރަތަމަ ގޯލް ޑެނިލޯ ޖެހި އިރު ގެރެތު ބޭލް ހަތަރު ލަނޑު، އދި ކަރީމް ބެންޒެމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ލީގްގައި ރެއާލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރޭން ތިން މެޗުން ބަލިވެފައިވާ އިރު ރޭ ލިބުނު ބޮޑު މޮޅާއި އެކު ރެއާލްގެ ކޯޗް ރަފޭލް ބެނިޓޭޒް ބުނީ އެ މެޗްގައި މައިގަޑު ތިން ކަމެއް ފެނިގެންދިޔަ ކަމަށެވެ.

"ފުރަތަމަ އަހަރެމެން ސްކޯ ކުރީ ނަމަވެސް އެ މީހުންގެ ކުޅުން ރަނގަޅު ކޮށް ލީޑް ވެސް ނެގި. ރޭގެ މެޗުގައި ގިނަ ގޯލުތަކެއް ކާމިޔާބުކޮށް މޮޅުވި ނަމަވެސް އެހާ ބޮޑަކަށް ގޭމަށް ސަމާލުކަން ދިން ތަނެއް ނުފެނޭ،" ބެނިޓޭޒް ބުންޏެވެ.

ބެނިޓޭޒް ބުނީ ރޭގެ މެޗުގެ ކުރީ ކޮޅުގައި ލަނޑުޖެހުމުން އެ ޓީމްގެ ސަޕޯޓަރުން އުފާވިކަމަށާއި ނަމަވެސް ގޯހެއް ހެދައިފި ނަމަ އެކަކުވެސް އެ ކަމައް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ޖުމުލަ ކޮށް އެ ޓީމިގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތް ހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.