ދިމިޝްގު (ޑިސެމްބަރު 21) : ރަޝިޔާއިން ސޫރިޔާއަށް އިއްޔެ ދިން ވައިގެ ޙަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 90 އަށް އަރާފައިވާ ކަމަށް އަލްޖަޒީރާ ޚަބަރު ދީފި އެވެ.

އަލްޖަޒީރާ ބުނާ ގޮތުން ރަޝިޔާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސޫރިޔާގެ އިދްލިބް، އާއި ދިމިޝްގާއި ހަލަބްގެ ރަށްފުށުގެ ހިސާބުތަކަށެވެ. މިޙަމަލާތަކުގައި މަރުވި ގިނަ މީހުންނަކީ ކުށެއްނެތް ސޫރިޔާގެ ނިކަމެތި އާންމުން ކަމަށާ މީގެތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމަށްވެ އެވެ. ރަޝިޔާގެ ޙަމަލާތައް އަމާޒުކުރި ގިނަ ތަންތަނަކީ އައިއެސްގެ އެއްވެސް ވުޖޫދެއްނެތް ތަންތަން ކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތައް ބުނެ އެވެ. ނަމަވެސް ރަޝިޔާ މިކަން ދޮގުކުރެ އެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތައް ބުނާ ގޮތުން ރަޝިޔާގެ ޙަމަލާތަކުގައި މަރުވި ސޫރިޔާގެ އާންމުންގެ އެތައް ބައެއްގެ ހަށިތައް އަދިވެސްވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފަ އެވެ. އަދި ރަޝިޔާގެ ހަމަލާތައް އަމާޒުވި އެތައްް ބައެއްގެ ހަށިތައް އަނދާފައިވާ އިރު އަނދާފައިވާ ހަށިތަކުގެ ތެރޭގައި ގިނައަދަދެއްގެ ކުޑަކުދިންގެ ހަށިތައް ވެސް ހިމެނޭކަމަށް އެފަރާތްތަކުން ބުނެ އެވެ. ނަމަވެސް ރަޝިޔާ ބުނާގޮތުން އެގައުމުގެ ވައިގެ ޙަމަލާތައް އަމާޒުކުރީ މިސަރަހައްދުތަކުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި އެމީހުންގެ މަރުކަޒުތަކަށެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ ރަޝިޔާއިން ސޫރިޔާގައި ހިންގި ގަތްލުއާންމެކެވެ. ރަޝިޔާއިން ސޫރިޔާއަށް ދޭ ޙަމަލާތަކުގައި މިއީ އެއްދުވަހަކު މިހާ ގިނަމީހުން އަދި ޚާއްސަކޮށް އާންމުން މަރުވި ފުރަތަމަ ފަހަރުކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ރަޝިޔާއިން ސޫރިޔާއަށްދޭ ވައިގެ ޙަމަލާތައް އާދަޔާ ޚިލާފަށް ވަރު ގަދަވެފައިވާ އިރު އައިއެސްއާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ އިތުރުން ސޫރިޔާގެ އިދިކޮޅު މެދުމިނުގެ ފަރާތް ކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުކުރާ ފްރީސީރިޔަން އާމީ ޖަމާއަތުގެ މަރުކަޒުތަކަށް ގަސްދުގައި ވައިގެ ޙަމަލާތައް ދޭކަމުގެ ތުހުމަތުވެސް ރަޝިޔާގެ މައްޗަށް ކުރެވިފައިވެ އެވެ.
ފްރީސީރިޔަން އާމީ ޖަމާއަތަކީ ޔޫރަޕާއި އެމެރިކާގެ އިތުރުން ސައޫދީ އަރަބިޔާއާއި ގަތަރުންވެސް މާލީ އަދި ހަތިޔާރުގެ އެހީ ދޭ ޖަމާއަތެކެވެ. އަދި އައިއެސްއާއި ޖަބްހަތުއްނުސްރާއާއި ސޫރިޔާގައި ހަނގުރާމަކުރާ ބައެއެއް އެނޫންޖަމާއަތްތަކަށް ވެސް ނުސީދާ ގޮތެއްގައި ފައިސާގެ އެހީދޭ ކަމުގެ ތުހުމަތު ސޫރިޔާ ސަރުކާރުން ސައޫދީއަރަބިޔާއާއި ގަތަރުގެ މައްޗަށް ކޮށްފައިވެ އެވެ. ނަމަވެސް ހަރުކަށި ޖަމާއަތްތަކަށް ފައިސާގެ އެހީ ދެނީ ސައޫދީ އާއި ގަތަރުގެ ސަރުކާރުގެ ބަދަލުގައި އެދެގައުމުގެ ބައެއް ވިޔަފާރިވެރިންނާއި އާންމުންގެ ބައެއް ފަރާތްތަކުން ކަމަށްވެ އެވެ.

ރަޝިޔާގެ އިތުރުން ފަރަންސޭސިވިލާތާއި އެމެރިކާއިންވެސް އައިއެސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާއަށް ވައިގެ ޙަމަލާތައް ދެމުން ގެންދެއެވެ. މިދެގައުމުގެ ޙަމަލާތަކުގައިވެސް ސޫރިޔާގެ ގިނައަދަދެއްގެ އާންމުން މަރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ގިނަ ސަރަހައްދުތަކަށް ރިޕޯޓަރުންނަށް ނުވަދެވޭތީ މިކަން ސާފުވާގޮތް ވެފައެއް ނުވެއެވެ. ސޫރިޔާގެ ސަރުކާރާ އަދި ހަނގުރާމަވެރި ހުރިހާ ފަރާތްތަކުންވެސް އާންމުންނަށް ހަމަލާދީ އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމަށް އދ. ން ބުނެއެވެ. ނަމަވެސް ސޫރިޔާއަށް ބޮންއަޅައި ވައިގެ މަގުންހަމަލާތައް ދޭ ރަޝިޔާއާއި އެމެރިކާއާއި ފަރަންސޭސިވިލާތްފަދަ ގައުމުތަކުން ސޫރިޔާގައި ހިންގާ ލާއިންސާނީ ޖަރީމާތަކާބެހޭގޮތުން އދ. ވާހަކަ ދައްކައި އެކަން ކުށްވެރިކުރާ މަންޒަރު ފެންނަމުން ނުދެއެވެ. (އަލްޖަޒީރާ)