ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލަށް އައިއެމްއެފުން މަރުހަބާ ކިއުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫން ކަމަށް ޑީއާރްޕީން ބުނެފި އެވެ.

ޑީއާރްޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ކައުންސިލް މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެމްއެމްއޭއާ ގުޅިގެން އައިއެމްއެފުން މަސައްކަތް ކުރީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރު ކުރުމަށް ކަމަށެވެ. ~

"އައިއެމްއެފުން މިއޮއް ހުރިހާ ދުވަހަކު އެމްއެމްއޭ އާ ގުޅިގެން މަސައްކަތް ކުރީ ސަރުކާރުގެ ހަރަދުތައް ކުޑަކުރޭތޯ. ހަރަދެއް ކުޑައެއް ނުކުރެވުނު. ދެން މަސައްކަތް ކުރީ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް އިތުރު ކުރުމަށް. އެކަންތަކެއް ވެސް ނުކުރެވުނު. ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ ސަރުކާރުން މިގެނައި ބަދަލަކުން. އެހެންކަމުން އައިއެމްއެފުންކީ މަރުހަބާއަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން،" އަހްމަދު ވިދާޅުވި އެވެ. "އަޅުގަނޑުމެން މައިކްރޯ ލެވެލްއެއްގައި މަސައްކަތްކުރާއިރު މައިކްރޯ އިކްނޮމީއަށް ދިމާވާ މައްސަލަތަކަށް މިބަލަނީ. ކޮންމެ ގެދޮރަކަށް، ކޮންމެ އާއިލާއަކަށް، ކޮންމެ ވިޔަފާރިއަކަށް، ދިމާވާ މައްސަލަތަކަށް މި ބަލަނީ،"

އަހްމަދު ވިދާޅުވީ 2007ވަނަ އަހަރު މެލޭޝިޔާއަށް ދިމާވި މައްސަލަތަކުގައި، އެ ގައުމުގެ އިގްތިސާދު ކޮޅަށްޖެހީ އައިއެމްއެފުން ބުނިގޮތާ ހިލާފަށް ކުރި މަސައްކަތުން ކަމަށެވެ. އައިއެމްއެފުން ރާވައިދިން ޕްލޭންތަކުގެ ސަބަބުން އެފްރިކާގެ ބައެއް ގައުމުތަކުގެ އިގްތިސާދު ބަނގްރޫޓުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިކޮނޮމިކް ޓެކްސްޓް ފޮތްތައް ބައްލަވައިފިއްޔާ ފެނިވަޑައިގަންނަވާނެ އެ ގައުމެއްގެ ފައިސާގެ އަގު ދަށްކުރީމަ އޭގެ ސަބަބުން އިގްތިސޯދަށް އާ ރޯކަމެއް އައިސްފާނެ ކަމަށް. އެއެއް ރާއްޖެއަކު މަސައްކަތެއް ނުކުރާނެ... އެކަމަކު ރާއްޖެއަކީ ގިނަ މަސައްކަތްތެރިން އިންޕޯޓްކޮށް، ބޭނުންވާ މުދާ އިންޕޯޓްކުރާ ގައުމަކަށްވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓް އިތުރެއް ނުވާނެ... އެހެންވީމަ ބައެއް ގައުމުތަކުން އައިއެމްއެފްގެ އިރުޝާދުތަކަށް ކޮޅުފައިން ޖަހަނީ. ރާއްޖެއަށް ބޭނުންވަނީ ރާއްޖެއާ ގުޅޭ މާލީ ސިޔާސަތުތަކެއް،" އަހްމަދު ވިދާޅުވި އެވެ.

ޑީއާރްޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ނިކަމެތިކަމަށް ހައްލު ގެނައުމަށް ގާނޫނީ އިމުގެ ތެރެއިން ޑީއާރްޕީން މަސައްކަތް ކުރާނެ ކަމަށެވެ.