20 Dec 2015, 20:33
ހާލުބޮޑު ބަލިމީހުންނަށް އާންމުކޮށް ދޭ ފަރުވާގެ ތެރޭގައި ހިމެނޭ " ޓޯޓަލް ޕޭރެންޓްރަލް ނިއުޓްރިޝަން" (ޓީޕީއެން) ބަލިމީހުންނަށް ދާއިމީގޮތެއްގައި ލިބޭނެ ހިދުމަތެއްގެގޮތަށް އެސްޓީއޯ އާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ތައާރަފްކޮށްފި އެވެ.
ކްލިނިކަލް ނިއުޓްރިޝަންގެ ގޮތުގައި ދެވޭ ޓީޕީއެން އަކީ ހާލުބޮޑު ބަލިމީހުން، ހާއްސަކޮށް އެއްޗެހި ނުކެވޭ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެމީހުންނަށް އަނގައިން އެއްޗެހި ދެވެންދެން ނުވަތަ އެހެން ގޮތަކުން ކާއެއްޗެއް ދެވެންދެން ބަލިމީހުންނަށް ދޭ ފަރުވާއަކަށް ކިޔާ ނަމެކެވެ.
އައިޖީއެމްއެޗްގައި އެ ނިއުޓްރިޝަން ދެނީ އައިވީއެއްގެ ޒަރިއްޔާއިންނެވެ. މީގެކުރިން އައިޖީއެމްއެޗުން ވަނީ ކޮންމެވެސް ވަރަކަށް މި ނިއުޓްރިޝަން ބަލި މީހުންނަށް ދީފައެވެ. އެއީ އެއަށް ބޭނުންވާ ތަކެތި ގެނެސްގެނެވެ. ނަމަވެސް އެސްޓީއޯ އިން ޖަރުމަނުގެ މެޑިސިން ދާއިރާގެ މަޝްހޫރު ކުންފުނި ފެސީނަސް ކާވީ އެކު ހެދި އެއްބަސްވުމުގެ ދަށުން އެކަމަށް ބޭނުންވާ ތަކެތި ބަރާބަރަށް ލިބޭތީ އެ ހިދުމަތް މިހާރު ވަނީ ރަސްމީކޮށް ދާއިމީ ގޮތެއްގައި ދެވޭނެ ހިދުމަތެއް ގޮތަށް ފަށައިފައެވެ.
އައިޖީއެމްއެޗްގެ އެކްޓިން މެޑިސިން އެޗްއޯޑީ ޑރ. މުރާދު ވިދާޅުވީ، އެ ހިދުމަތަކީ އޮޕަރޭޝަން ކޮށްފައި ކާއެއްޗެއް ނުދެވި ތިބޭ ބަލިމީހުންނަށް އަދި ވިހާއިރު އެކިކަހަލަ ސަބަބުތަކާ ހުރެ އަނގައިން އެއްވެސް އެއްޗެއް ނުދެވޭ ކުދިންނަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހިދުމަތުގެ ސަބަބުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އެސްޓީއޯގެ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު ހުސައިން ސޮބާހް ވިދާޅުވީ، އެސްޓީއޯ އިން ރާއްޖޭގެ ބޭސްވެރިކަމުގެ ދާއިރާ ނުވަތަ ސިއްހީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
ސޮބާހް ވިދާޅުވީ، އައިޖީއެމްއެޗުން އެކަނި މިވަގުތަށް އެ ހިދުމަތް ލިބުނު ނަމަވެސް، ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކަށް އެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.