ރާއްޖެ ބަދުނާމުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އެހީވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަކި ބަޔަކު ދެކެ ރުޅިއައި ނަމަވެސް ގައުމުގެ އިގްތިޞާދު ފުނޑުފުނޑު ކޮށްގެން ނުވާނެ ކަމަށާއި ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ގައުމާ ދެކޮޅަށް ހަަނގުރާމަ ކުރުން ކަމަށެވެ.

ނިހާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެސް ވަނީ ފަތުރުވެރިކަން ބޮއިކޮޓް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ފަތުރުވެރިކަން ދަށަށް ދިއުމުން ގެއްލުން ވާނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށާއި، އެއީ މުޅި ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ ކަމަކަށް ވާއިރު، މުޅި ގައުމަށް ގެއްލުންވާ ކަންކަމުގައި ސަރުކާރާ ދެކޮޅު މީހުންވެސް ބައިވެރިވެގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާ ކުރާ ބިލެއްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރުދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަވަޅު އެޅުމަށް ގޮވާލުން ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ޓަކައި ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ. ހަމައެއާ އެކު ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ނަމަވެސް ބިލުގައި ބުނެފައިވާ ކަންތައްތަކުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އަސާސީ ހައްގުތައް ވަރަށް ފުޅާކޮށް ހިފެހެއްޓިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ރައީސް ޔާމީން ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައްވާފައެވެ.