އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ޒަމާނީފެންވަރުގެ ދަތުރުފަތުރުގެ ނިޒާމެއް މިއަދު ގާއިމްކޮށްފިއެވެ.

މިއަދު ހެނދުނު ފޭދޫ ބަނދަރު ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައި ދަތުރުފަތުރުގެ ނިޒާމް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ރަސްމިއްޔާތަށްފަހު ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެ ޚިދުމަތް މިއަދު ފެށީ ހަތަރު ލޯންޗާއި ޒަމާނީފެންވަރުގެ އެއް ފެރީއާއެކު ކަމަށެވެ.

އައްޑޫ ސިޓީގައި ޚިދުމަތްދޭ ފެރީގެ އެތެރެ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފެރީގެ ޚިދުމަތްދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަމަށާއި ކުރިން އެ ސަރަހައްދުގައި ދިން ފެރީގެ ނިޒާމަށްވުރެ މާ ރަނގަޅު ފެންވަރުގައި މިއަދުން ފެށިގެން ފެރީގެ ޚިދުމަތް ލިބެމުންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އަންނަމަ މާޗް މަސް ފެށެންވާއިރަށް 15 އެއާކޮންޑިޝަން ބަހާއެކު ފުވައްމުލަކާއި އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫއަށް އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ތައާރަފް ކުރެވޭނެ ކަމަށެވެ.

އެކަމުގެ ސަބަބުން ސްކޫލް ކުދިންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ފެރީގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މީގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އާދައިގެ ފެރީތަކުގައި ދިން ފެރީގެ ޚިދުމަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޒަމާނީފެންވަރުގެ އިތުރު ފެރީއެއް ޚިދުމަތްދިނުމަށް ބޭނުންކުރާނެ ކަމަށެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ފެރީގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ފެރީގެ ޚިދުމަތުގެ އަގުތައް

އައްޑޫ ސިޓީ - ފުވައްމުލައް: ލޯންޗުގައި ކޮޅަކަށް 290 ރުފިޔާ

ފޭދޫ – ހުޅުމީދޫ: ފެރީ ދަތުރު ކޮޅަކަށް 25 ރުފިޔާ

ފޭދޫ – ހުޅުމީދޫ: ލޯންޗު ދަތުރު ކޮޅަކަށް 55 ރުފިޔާ

މެޓްރިކްސް މޯޑު ވިދާޅުވީ، އައްޑޫ ސިޓީ އާއި ފުވައްމުލަކަށް މިވަގުތު ދެނީ ހަމައެކަނި ލޯންޗުގެ ޚިދުމަތް ކަމަށެވެ. އޭނާ ވިދާޅުވީ، ހެނދުނު ފޭދޫން ފުވައްމުލަކަށް ފުރާ ލޯންޗު އެނބުރި ފޭދޫއަށް ދިޔުމަށް ފުރާނީ މެންދުރުފަހު 2:00 ގައި ކަމަށެވެ.

އެމްޕީއެލް އިން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް ޚިދުމަތް ދިނުމަށް ކަމަށާއި ރައްޔިތުން އެދޭނަމަ ކުރިއަށްއޮތްތަނުގައި ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.