އާޖެންޓީނާގެ ރިވަރ ޕްލޭޓް 0-3 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު ފީފާ ކުލަބު ވޯލްޑް ކަޕް ތިން ފަހަރަށް ސްޕެއިންގެ ޗެމްޕިއަން ބާސިލޯނާއިން ކާމިޔާބު ކޮށްފިއެވެ.

ބާސާއިން އެ މުބާރާތް ކާމިޔާބް ކުރުމުން އެ ޓީމް ވެގެން ގޮސްފައިވަނީ ތިން ފަހަރު ކުލަބު ވޯލްޑްކަޕް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ގޮތުގައެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގައި އާޖެންޓީނާގެ ރިވަރ ޕްލޭޓްއާ ބާސެލޯނާ ކުޅުނު މެޗްގައި ބާސާގެ މެސީ ބޯޅަ ހިފައިގެންދާ އިރު ރިވަ ޕްލޭޓްގެ ކުޅުންތެރިން މެސީ ހުއްޓުވުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ

ޖަޕާނުގެ ޔޮކަހާމާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. އެ މެޗްގައި އެ ޓީމަށް ލީޑް ނަގައިދިނީ އެންމެ ފަހުން އެ ޓީމް ކުޅުނު ސެމީ ފައިނަލް މެޗްގައި އަނިޔާގެ ސަބަބުން ނުކުޅެހުރި ފޯވާޑް ލިއޮނަލް މެސީ އެވެ. އެ ގޯލް 36 ވަނަ މިނެޓް ގައި މެސީ ކާމިޔާބް ކޮށް ދިނީ އަނިޔާއިން ސަލާމަތް ވުމަށް ފަހު މިއަދުގެ މެޗްގައި ކުޅެންނުކުތް ބްރެޒިލް ފޯވާޑް ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު، ބާސާގެ އަނެއް ދެ ގޯލް ކާމިޔާބް ކޮށްދިނީ ބާސާ ފައިނަލަށް ގެނެސް ދިން މެޗުގައި ހެޓްރިކް ހެދި އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އޭނާގެ އެ ތިންގޯލާއި އެކު ޖުމްލަ ފަސް ގޯލް ޖަހައިގެން ސުއަރޭޒް ވެގެން ގޮސްފައިވަނީ އެ މުބާރާތުގެ ޓޮޕް ސްކޯރާއަށެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގައި އާޖެންޓީނާގެ ރިވާ ޕްލޭޓްއާ ބާސެލޯނާ ކުޅުނު މެޗްގައި ބާސާގެ ދެ ވަނަ ގޯލް ކާމިޔާބް ކޮށްދިނުމަށް ފަހު ސުއަރޭޒް އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

މިއަދުގެ މެޗްގައި ސުއަރޭޒްގެ ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް މެޗުގެ 49 ވަނަ މިނެޓްގައި ސާޖިއޯ ބިސްކަޓްގެ އެހީތެރިކަމާއިއެކު ކާމިޔާބް ކުރިއިރު ދެވަނަ ގޯލް 68 މިނެޓްގައި އޭނާ ކާމިޔާބުކުރީ ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.