މި މަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުގައި ފަށާ ސާފް ސުޒުކީ ކަޕުގެ މެޗުތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖެ ޓީވީ މެދުވެރިކޮށް މަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިއްޖެ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، މިމަހުގެ 23ން އަންނަ މަހުގެ ތިންވަނަ ދުވަހަށް ކުރިއަށްދާ މިމުބާރާތުގެ މެޗްތައް ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

"ސާފް ސުޒުކީ ކަޕަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެމުބާރާތަކަށް އެންމެ އިންތިޒާރުކުރާ އެންމެ ބަލާހިތްވާ މުބާރާތަށްވާތީ މިމުބާރާތުގެ ކަވަރޭޖް ވީހާވެސް ފުރިހަމައަށް ގެނެސްދިނުމަށް އިންޑިޔާގެ ޓްރިވެންޑްރަމްގައިވެސް ޕީއެސްއެމްގެ ޓީމެއް ޙަރަކާތްތެރިވާނެ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، މީގެ ކުރިންވެސް މިފަދަ ކޮންމެ ޙަރަކާތެއް ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށް ގެނެސްދީފައިވާތީ މިފަހަރުވެސް މިމުބާރާތުގެ މަންޒަރާއި އަޑު ގެނެސްދިނުމަށް ޕީއެސްއެމުން ޚާއްސަ ސަމާލުކަމެއް ދޭކަމަށާއި، މެޗްތަކުގެ އިތުރު މަޢުލާމަތު ހިމެނޭގޮތަށް މުބާރާތުގެ މެޗްތަކުގެ ޕްރީ ޝޯވ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ ކަމަށެވެ.

މުބާރާތުގެ މެޗުތައް ލައިވްކޮށް ގެނެސްދިނުމަށް ރާއްޖެ ޓީވީން ވެސް ވަނީ މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މުބާރާތުގެ ކަވަރޭޖަށް ރާއްޖެ ޓީވީން ވަނީ ހާއްސަ ޓީމެއްވެސް އެކުލަވާލާފައެވެ.

ސާފް ސުޒުކީ ކަޕް 2015 ގައި އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 15:00 ގައި ބައްދަލު ކުރާނީ ނޭޕާލް އާއި ސްރީ ލަންކާ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބުރާސްފަތި ދުވަހު 15:00 ގައި ބޫޓާނާ ދެކޮޅަށެވެ.