20 Dec 2015, 19:17
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ފާއިތުވި ހަ އަހަރު ތެރޭގައިވެސް އެމްޑީޕީގެ ލީޑަރު ކަމަށް އެއްވެސް ވަރެއްގެ ވާދަވެރިކަމެއް ނެތް ކަމަށާއި، ޕާޓީއަށް އިންތިހާބު ކުރި ތިން ލީޑަރުންވެސް ވަކިކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
MDP need reform. No leadership contest for the past 6yrs. All 3elected leaders expelled. Party turned into a cult.https://t.co/sGY5UynhON
— Umar Naseer (@UmarNaseerPPM)December 20, 2015
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި ނައިބުރައީސް އަލްހާން ފަހުމީ މަގާމުން ވަކިކޮށްފައި ވާއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ އެމްޑީޕީގެ މެމްބަރު ކަމުން ވެސް ވަކިކޮށްފައެވެ.
އެމްޑީޕީގެ ލީޑަރަކީ މިވަގުތު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބު ރައީސްގެ ގޮތުގައި ހުންނެވީ މުހައްމަދު ޝިފާޒު އެވެ. އަދި ޗެއާޕާސަން އަކީ މިވަގުތު އަމިއްލައަށް ލަންޑަނުގައި އަރުވާލެވިގެން ހުންނެވި އަލީ ވަހީދެވެ.
އުމަރު ވިދާޅުވީ، އެމްޑީޕީއަކީ އެންމެ މީހަކަށް ބަރޯސާވާ ޕާޓީއަކަށް ވެފައިވާ ކަމަށާއި، އެހެންކަމުން މިހާރު އެ ޕާޓީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.