ރާއްޖޭގެ ފުރަތަމަ އަމިއްލަ އެއާޕޯޓް، ވިލާގެ އދ. މާމިގިލީ އެއާޕޯޓަށް މިއަދު ބޯޓެއް ޖައްސައިފި އެވެ. ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، ވިލާ އެއާގެ 46 ގޮނޑީގެ މަތިންދާ ބޯޓު މާމިގިއްޔަށް ޖެއްސީ މިއަދު ހެނދުނު 11 ޖެހި އިރު ކަމަށް ވިލާއެއާގެ، އެއާޕޯޓް ޕްރޮޖެކްޓް އޮފީހުން ބުންޏެވެ.

ވިލާ އެއާގެ އެއާޕޯޓް ޕްރޮޖެކްޓް އޮފީހުން ވާހަކަ ދެއްކެވި އަޙުމަދު މޫސާ މިއަދު ވިދާޅުވި ގޮތުގައި މާމިގިލީ އެއާޕޯޓަށް މިއަދު ފުރަތަމަ ފަހަރަށް ބޯޓެއް ޖެއްސީ ފަސިންޖަރުންނާ ނުލަ އެވެ. ބޯޓް ޖެއްސި އިރު، މާމިގިލީ ވައިގެ ބަނދަރުގައި ވިލާގްރޫޕްގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމް ހުންނެވި އެވެ.

މިއަދު ފުރަތަ ފްލައިޓް ޖެއްސި އިރު، އަތޮޅުގެ ރަށް ރަށުގެ ބައެއް ރައްޔިތުންނާއި މާމިގިލީ ރަށު ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލްގެ މާމިގިލި ދާއިރާގެ ދެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތް ކަމަށް އަޙުމަދު މޫސާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ވިލާ އެއާ އިން ރާއްޖެ ގެނައި ފުރަތަމަ މަތިންދާ ބޯޓް މިއަދު މާމިގިލީ އެއާޕޯޓަށް ގެންދިޔައީ އެ އެއާޕޯޓްގައި ބޭއްވުމަށެވެ.

"އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އަދި މަހެއްހާ ދުވަސް ނަގާނެ. ރަސްމީކޮށް ހުޅުވެންދެން ފްލައިޓް އޮންނާނީ މިތަނުގައި." އަޙުމަދު ވިދާޅުވި އެވެ.

ވިލާ އެއާ އިން ކުރިން ބުނެފައިވާ ގޮތުގައި އެ އެއާލައިނަށް އިތުރު ބޯޓްތައް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް އެ އެއާލައިނުން ވަރަށް އަވަހަށް ދަތުރުތައް ފަށާނެ އެވެ.