20 Dec 2015, 18:57
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދަން ނިންމި ނިންމުމަކީ އެ ޕާޓީ އުފެއްދުމުގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ނިންމުނު ހަރުދަނާ ނިންމުމެއް ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭއަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައި ސިޔާމް ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ މަގްސަދުތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން، ގައުމުގެ ތަމައްދުނާއި ތަހުޒީބު އަދި މުޖުތަމައުގެ ސުލްހަވެރިކަމާއި އަމާންކަން ހިމެނޭ ކަމަށެވެ.
އަދި މިއަދު ދިވެހި ގައުމު ވަށައިޖެހޭ ކޮންމެ ދިމާލަކުން މިކަންތައްތައް ހަމަޖެހެމުން އަންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، އެކަމުން ދައްކުވައިދެނީ އެ ޕާޓީގެ ކުރިމަގު އަރުތަވަމުން އަންނަ ކަން ކަމުގައި ސިޔާމް ވިދާޅުވި އެވެ.
"2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ޕާޓީން ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުން ވެގެން ދިޔައީ ދިވެހި ޖައްވު މި ދެންނެވި އަމާޒަށް ވާސިލްކޮށްދިން ހަރުދަނާ ނިންމުމެއްކަން މިއަދު ދިވެހި ރައްޔިތުން އުފަލާއެކު ގަބޫލުކުރާނެކަން ކަށަވަރެވެ،" އެމްޑީއޭގެ ލީޑަރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން ޕާޓީގެ އަމާޒަށް ވާސިލްވުމުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ދައުރު ބޮޑުކަންވެސް ސިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.
ސިޔާމް ވިދާޅުވީ، ޕާޓީގެ ކުރިމަގަށް މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރޭގައި ތިބެގެން ރައްޔިތުންނާއި ސަރުކާރަށް ބޭނުންވާ އެއްބާރުލުން އެންމެ ފުރިހަމައަށް ދީގެން ކަމަށެވެ.