ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ އެ ކުލަބު ދޫކޮށްލަން ނިންމުމާގުޅިގެން އަންނަ ސީޒަނުގައި އެ ކުލަބުގެ ކޯޗަކަށް ކާލޯ އެންޗެލޮޓީ ހަމަޖެއްސުމަށް އެ ކުލަބުން ނިންމައިފި އެވެ.

ބާސެލޯނާގައި ކާމިޔާބު ސީޒަނެއް ނިންމާލުމަށް ފަހު ބަޔާންއަށް ބަދަލުވެ އެ ކްލަބާއެކު ހޭދަކުރި ތިން އަހަރުގެ ތެރޭގައި އެ ކުލަބަށް ދެ ފަހަރު ލީގު ކާމިޔާބް ކޮށްދީ އެއްފަހަރު ޑީއެފްބީ ކަޕާއި، ޔުއެފާ ސުޕަރ ކަޕްގެ އިތުރުން ކުލަބް ވޯލްޑް ކަޕް ހޯދައިދީފައިވާ ކޯޗް ގާޑިއޯލާ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ނިޔަލަށް ހަމަވާއިރު އޭނާ ވަނީ އެ އެއްބަސްވުން އާ ނުކުރުމަށް ނިންމާފައެވެ. އެހެންކަމުން ބަޔާން އިން އެ ކުލަބުގެއާ ކޯޗަކަށް ކުރީގެ ރެއާލް މެޑްރިޑްގެ ކޯޗް އަންޗަލޯޓީ ހަމަޖެއްސުމަށް މިއަދު ވަނީ ނިންމާފައެވެ.

ގާޑިއޯލާގެ އެ ނިންމުމާ ގުޅޭ ގޮތުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމިންގީ ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން އެ ކުލަބަށް ކޮށްދިން ހުރިހާ ކަންތައްތަކަކަށް ގާޑިއޯލާއަށް ޝުކުރު އަދާ ކުރާ ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް އެ ކުލަބުން މަސަތްކަތްކުރާނީ މުބާރާތްތަށް ކާމިޔާބު ކޮށް، ކާމިޔާބު ކްލަބެއްގެ ގޮތުގައި ދެމި އޮތުމަށް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން އެ ކުލަބުގެ ކޯޗެއްގެ ގޮތުގައި ހަމަޖެއްސި އެންޗަލޯޓީއާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެންޗަލޯޓީއަކީ އޭނާ މަސަތްކަތް ކުރި ކޮންމެ ތަނެއްގައި ވެސް ކާމިޔާބު ހޯދާ ކޯޗެއް ކަމަށެވެ.

"އެއީ ތިން ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބް ކޮށްފައިވާ ތަޖްރިބާކާރު މޮޅު ކޯޗެއް. އޭނާގެ އެބަހުރި ބަޔާންގެ މިތިބަ ކުޅުންތެރިންނާއި އެކު މަސަތްކަތްކޮށް ކާމިޔާބް ހޯދައިދިނުމުގެ ކުޅަދާނަކަން،" ރުމިންގީ ވިދާޅުވި އެވެ.

ޖަރުމަނު ލީގުގައި ރޭ ހެނޯވާ އަތުން 1-0 އިން މޮޅުވެ، ބަޔާން ވަނީ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެޓީމް އެއް ވަނައިގައި އޮތީ 17 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 17 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގްގައި ވެސް ގަދަ 16 ޓީމްތެރޭގައި ހިމެނޭ ބަޔާން ދެވަނަ ބުރުގައި ކުޅުނެޖެހޭނީ އިޓަލީގެ ޔުއެންޓަސްއާއެވެ.