ދެހާސް ފަނަރަވަނަ އަހަރަކީ ދިވެހި ރާއްޖެއަށް މިހާތަނަށް އައި އެންމެ އުފާވެރި އަހަރޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުނު އެ އަހަރު ނިމިގެން ދިޔައީ ދިވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދެމުންނެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިންނަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުނު ގައުމީ މުނާސަބާ ފާހަގަ ކޮށްފައި ވަނީ މިހާތަނަށް ދިވެހި ތާރީހުގައި ވެސް މިނިވަން ދުވަހެއް ފާހަގަ ނުކުރާހާ ފެންވަރުގަ އެވެ.

މުޅި ރާއްޖެ ތަފާތު ކުލަކުލައިގެ ބޮކިތަކުން ދިއްލާލައިގެންނެވެ. މިނިވަންކަމުގެ ރަމްޒު ކަމަށްވާ ދިވެހި ގައުމީ ދިދައިން މުޅި ގައުމު ޖަރީ ކުރުވައިގެންނެވެ.

ހުރިހާ ދިމާލަކުން ވެސް އޮތީ އުފާވެރިކަމެވެ. ކުޑަކުދިންގެ ހުނުމުގެ އަޑާއި އުފާވެރިކަމުގެ މަންޒަރެވެ. އަދުގެ ޖީލުތައް އަޅުވެތިކަމުގެ ރަހަ ދެކިފައި ނުވިނަމަވެސް، ދިވެހި ދައުލަތުންވަނީ މިނިވަންކަމުގެ ފޮނި މީރުކަން އަދުގެ ޒުވާން ޖީލުތަކަށް ދައްކާލާފަ އެވެ.

މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާ ވީހާ ވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ދިވެހި ސަރުކާރުން ވަނީ 150 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަަޅައިފަ އެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ މިނިވަންކަމުގެ އީދު ވީހާވެސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުގެ ވުޒާރާތަކަށް އަންގަވައިފަ އެވެ.

ކަންތައްތައް ހިނގައި ދިޔައީ ވެސް ހަމަ އެފަދައިންނެވެ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގިފަ އެވެ. ތަފާތު ސަގާފީ އަދި މުޅިން އާ ކަންތައްތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ލިބިފަ އެވެ. ވަކި އުމުރެއް އިސްތިސްނާ ކުރުމެއް ނެތި އެވެ.

މިނިވަން 50ގެ ހަރަކާތްތައް ރަސްމީގޮތެއްގައި ފެށިގެން ދިޔައީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. "މިނިވަން 50 ސަރިންދާ"ގެ ނަމުގައި ހެންވޭރު ދަނޑުގައި ބޭއްވި ދިވެހި ފަންނާނުންގެ މިއުޒިކީ ޝޯވްއަކުންނެވެ.

ފުޅަނދު ބުރު:

މިނިވަން 50ގެ އެންމެ ފާހަގަކޮށްލެވުނު އަދި އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ހަރަކާތަކީ ފުޅަނދު ބުރެވެ. ސަރުކާރުގެ 24 އިދާރާއަކުން މުޅި ޖުމްލަ 34 ފުޅަނދެއް ވަނީ އާއްމުންނަށް ދައްކާލައިފަ އެވެ. ޖުލައި މަހު 28 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ބޭއްވި އެ ފުޅަނދު ބުރުގައި ފާހަގަ ކޮށްލެވުނު އެއް ފުޅަނދަކީ އެއާޕޯޓްސް ކޮމްޕެނީގެ ފްރޯޒެން ތީމްގެ ފުޅަނދެވެ. އެ ފުޅަދުންވަނީ ސްނޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ފަހި ކޮށްދީފަ އެވެ. އެ ފުޅަނދަށް ކުދަކުދިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ލިބިގެން ދިޔަ އެވެ.

ރަންދިހަ ފަހެއް:

މިނިވަން 50 ގުޅުވައިގެން އެންމެ ބޮޑު ބަދަލެއް އައި އެކައްޗަކީ ދިވެހިރާއްޖެ ރަމްޒު ކުރާ ދިވެހި ފައިސާއެވެ. އެގޮތުން ދިވެހި ފައިސާގެ އާ ނޫޓު ސީރީސް އެއް "ރަންދިހަ ފަހެއް" ގެ ނަމުގައު ނޮވެމްބަރު އެއް ވަނަ ދުވަހު ވަނީ ތައާރަފު ކޮށްފަ އެވެ.

ހަމައެހެންމެ، މިނިވަން 50ގެ ހަނދާނީ ނޫޓެއް ވެސް ވަނީ ނެރެފަ އެވެ. އެގޮތުން އެ ފަހަރު ނެރެފައިވަނީ 5000 ރުފިޔާގެ ނޫޓެކެވެ. އަދި އެއީ މިނިވަންކަމާއި ދިމާކޮށް ކަރުދާސް ނޫޓެއް ނެރުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިނިވަން ދުވަހާއި ގުޅިގެން މުޅިންވެސް ނެރެފައިވަނީ ފައިސާ ފޮއްޗެވެ.

ފުނަ ހަރަކާތް:

މިނިވަން 50 ގުޅުވައިގެން ދިވެހި ތާރީހީ އަދި ސަގާފީ ކަންތައްތަކާއި ދިވެހިންގެ އެވޭލާ ޒަމާން ދައްކުވައިދޭ ހަރަކާތްތަކެއް "ފުނަ" ގެ ނަމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ހަރަކާތްވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ބާއްވާފަ އެވެ.

ކޮންމެ އަތޮޅެއްގައި ވެސް އެ އަތޮޅުގެ ތަފާތު ރަށްތަކުން ބައިވެރިވެގެން ކޮންމެވެސް އެއް ރަށެއްގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުން ކޮންމެ އަތޮޅަކުން ވެސް އެއްވަނަ އަށް އައި ހަރަކާތް ވަނީ ހޮވައިފަ އެވެ.

މޫދު ކުޅިވަރު:

އާއްމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އެއް ނަންބަރު ޖެޓީ ކުރިމަތީ، ކޯސްޓު ގާޑް ފަޅުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތައް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އާއްމުކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ނުލިބޭ އެތައް ކުޅިވަރެއްގައި އަމަލީ ގޮތުން ބައިވެރި ވުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ހުޅުވާލާފަ އެވެ.

އެޕްރިލް 24 އަދި 25 ދެ ދުވަހު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، ފެތުމާއި ވޯޓާ ޕޯލޯ އާއި ފަލި ޖެހުމާއި ބޮއްކުރާ ދުއްވުމާއި ވިންޑް ސާފު ކުރުމާއި ތޮށިމަތީގައި މަސް ބޭނުމާއި ކަޓަމަރާނީ ދުއްވުން ފަދަ ކުޅިވަރުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ހުޅުވާލާފަ އެވެ.

ރައިވެރިބޭގެ ޖިހާދުގެ ފެތުން:

އަލިރަސްގެފާނު ކުރި ހަނގުރާމައިގައި ބައިވެރިވުމަށް ވިލިނގިލިން މާލެއަށް ފަތާފައި އައި ރައިވެރިބޭގެ ހަނދާން އާ ކުރުމަށް ބޭއްވި "ރައިވެރިބޭގެ ޖިހާދުގެ ފެތުން" މަކީ މިނިވަން 50 ގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރެއިން ތަފާތު އެއް ހަރަކާތެވެ.

އެގޮތުން ރައިވެރިބޭ ކުރި ހިއްވަރުގަދަ ޖިހާދުގެ އަގު ވަޒަން ކުރުމަށް ހަރަކާތުގެ ބައިވެރިން ވަނީ ވިލިމާލެއިން މާލެއަށް ފަތާފައި އައިސްފަ އެވެ.

މާޗް 27 ވަނަ ދުވަހު ބޭއްވި އެ ހަރަކާތުގައި 2000 ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

"ރަން ޔޫބީލް ބަހުސް" :

ރަން ޔޫބީލް ބަހުސް އަކީވެސް މިނިވަން 50 ގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ފޯރިގަދަ ބަހުސް އެކެވެ.

"ދިވެހިރާއްޖޭގެ މިނިވަން ކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ ކުޑަ ގައުމަކަށްވުމެވެ"، މައުޟޫގެ ދަށުން ބޭއްވި އެ ބަހުސަކީ ދިވެހި ބަހުގެ އެކަޑެމީ އިން ކުރިއަށް ގެންގޮސްފައިވާ ބަހުސްއެކެވެ.

ރަން ޔޫބީލް ބަހުސް ބާއްވާފައި ވަނީ ޖުލައި 20 ވަނަ ދުވަހު އެވެ.

ބޭރުގެ އިއްޒަތްތެރިން ރާއްޖެ ވަޑައިގަތުން:

މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ހަފްލާތަކުގައި ބައިވެރިވުމަށް ބޭރުގެ ބައެއް އިތްޒަތްތެރިން ވަނީ ރާއްޖެ ވަޑައިގަންނަވާފަ އެވެ.

އެގޮތުން ރާއްޖެ ވަޑައިގެންނެވި އިތްޒަތްތެރިން:

  • ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ

  • މޮރިޝިއަސްގެ ސިވިލް ސާވިސް މިނިސްޓަރު އެލެން ވޮން ޔެންގް
  • ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް މާޑަމް ޝެން ޔޫޔޫ
  • ޕާކިސްތާނުގެ ސްޓޭޓް އެންޑެ ފުރޮންޓިއާ ރީޖަން މިނިސްޓަރު އަބްދުލްގާދިރު ބަލަޗް
  • އިންޑިއާގެ ހެލްތް މިނިސްޓަރު ޖޭޕީ ނައްޑާ
  • ސައުދި އަރަބިއާގެ ކެބިނެޓް މިނިސްޓަރު މަންސޫރު ބިން އަބްދުލް އަޒީޒް
  • ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރާއިދު މަލްކި
  • ނޭޕާލުގެ ފޮރިން މިނިސްޓަރު މަހިންދްރަ ބަހަދުރް
  • ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޝާހްރިއާ އަލާމް

މިނިވަން 50 ސީޕީ ކަޕް:

މިނިވަން ފަންސާސް ފާހަގަ ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި "މިނިވަން ފަންސާސް ސީޕީ ކަޕް" އަކީ ފާހަގަ ކޮށްލެވޭ އެއް މުބާރާތެވެ. ފުލުހުންގެ އެއްޑިޕާޓުމަންޓު އަނެއް ޑިޕާޓުޕަންޓާއި ދެމެދު އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ކުޅުނު އެ މުބާރާތް ފަށާފައިވަނީ މޭއި 22 ވަނަ ދުވަހު އެވެ.

މިނިވަން 50 ރޫޓް މާޗް:

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުނު ދުވަހު ވަނީ ސުކޫލް ކުދިންނާއި ސިފައިންގެ ރޫޓް މާޗެއް ބާއްވާފައެވެ. އެދުވަހު ހަވީރު މާލޭގެ މަގުތަކުގައި ބޭއްވި އެ މާޗްގައި ގިނަ އަދަދެއްގެ ސުކޫލް ދަރިވަރުން ބައިވެރިވި އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް އަތޮޅު ފުޓްބޯޅަ މުބާރާތް:

މިނިވަން 50 ޗެމްޕިއަންޝިޕް އަތޮޅު ފުޓްބޯޅަ މުބާރާތް ފަށާފައިވަނީ އޮގަސްޓު 15 ވަނަ ދުވަހު އެވެ. ބައެއް ސަބަބުތަކާ ހުރެ އެ މުބާރާތް އަދި ކުރިއަށް ނުގެންދެވި ވީ ނަމަވެސް، އެ މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް ޕްރެސިޑެންޓް ކަޕް އިން ފުރުސަތު ދިނުމާއި އެކު އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދޭން ވަނީ ނިންމާފަ އެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި 78 ރަށުން 78 ޓީމު ވަނީ ބައިވެރި ވެފަ އެވެ.

މިނިވަން 50 ބައިބަލާ މުބާރާތް:

މިނިވަން ކަމަށް ފަންސާސް އަހަރު ފުރުމާ ގުޅިގެން ބައިބަލާ މުބާރާތެއް ވަނީ ބާއްވާފައެވެ. މާލޭގައި ކުރިއަށް ގެންދިޔަ އެ މުބާރާތުން އެއްވަނަ ހާސިލް ކޮށްފައިވަނީ މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބެވެ. އިނާމެއްގެ ގޮތުން އެޓީމަށް ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް ލިބިފަ އެވެ.

މިނިވަން 50 އެކު ރަންނަމާރި:

މިނިވަން ކަމަށް 50 ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނު އެއް ހަރަކާތަކީ ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ރަސްމީ ޝޯވްއެވެ.

ޒަމާނީ ޓެކްނޮލޮޖީ އާއި ސުކޫލް ކުދިން އަދި އެހެނިހެން މުއައްސަސާތަކުން ބައިވެރިވެގެން ތަފާތު އިވެންޓުތައް ހުށައަޅައިދިން އެ ޝޯވް ގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ހުށައެޅުމަކީ ރާއްޖެ އިސްލާމް ވި ގޮތުގެ ވާހަކަ ނުވަތަ ރަންނަމާރި ވާހަކައިގެ ހަރަކާތެވެ.

އެހަރަކާތުގެ ތެރެއިން އުސްމިނުގައި 35 ފޫޓު ހުރި އަދި 600-800 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުރި ރަންނަމާރިއެއް ވަނީ ދައްކާލާފައެވެ. ބިރުވެރި ސިފައަކަށް ހުރި އެ ރަންނަމާރި ބަލާލުމުން އެއީ ގިނަ ބައެއްގެ ބުރަ މަސައްކަތެއްކަން ފާހަގަ ކުރެވުނެވެ.

އެ ހަރަކާތައްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ސިފައިންގެ ހެވިކަމުގެ ހަރަކާތް، ސިފައިންގެ ހުނަރުވެރިކަން:

މިނިވަން 50 ގައި އާއްމުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ހަރަކާތަކީ ދިވެހި އަސްކަރިއްޔާގެ ހެވިކަމުގެ ހަރަކާތް ނުވަތަ މިއުޒިކަލް ޑްރިލް އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އަސްކަރިއްޔާއިން ދައްކުވައިދޭހާ ފެންވަރުގައި ދިވެހި ސިފައިން ވަނީ އެމީހުންގެ ހެވިކަމުގެ ހުނަރުތައް ދައްކާލާފަ އެވެ.

ސިފައިން އެކިގޮތްގޮތަށް ބަޑި ގެންގުޅުނު އެ ހަރަކާތުގައި އެންމެ ހައިރާންވާން ޖެހުނު އެއްކަމަކީ އެމީހުންގެ އެއްވަރު ކަމެވެ. ބްރާސްބޭންޑާއި އެއްވަރަށް ފަރި ހަރަކާތްތައް ދައްކަމުން ދިޔަ ސިފައިންނަށް އެވަގުތު ސްޓޭޑިއަމްގައި ތިބި މީހުންތެ ތަރުހީބު އޮހިގެން ދިޔައެވެ.

ކޮންމެ އަކަސް މިނިވަން ކަމަށް ބައި ގަރުނު ފުރުނު އުފާވެރި އީދު ދިވެހިންގެ ހަނދާނުން ފިލައިގެން ނުދާނެ ހާ ފުރިހަމައެވެ. އަދުގެ ދަރިފަސްކޮޅަށް އަޅުވެތި ކަމަކީ ކޮބައިކަން ނޭނުގުނު ނަމަވެސް، ހަގީގީ މިނިވަންކަމަކީ ކޮބައިކަން ވަނީ އެނގިގެން ގޮސްފައެވެ.

މިނިވަންކަމުގެ އީދު ނިމިގެން ދިޔައީ ދިވެހިން އުފާވެރިކަމުން ހެއްވާލައިގެންނެވެ.