20 Dec 2015, 18:39
އިސްލާމް އާބާދު (ޑިސެމްބަރު 20): އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ އަކީ ހުރިހާ މުސްލިމުންގެ ޚަލީފާއެއްކަމަށް ގަބޫލު ނުކުރާނެ ކަމަށް ޕާކިސްތާނުގެ ތާލިބާން ޖަމާއަތުން ބުނެފި އެވެ.
ޕާކިސްތާނުގެ ތާލިބާނުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ހުރިހާ މުސްލިމުންގެ ޚަލީފާއެއްގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތައް ބަޣްދާދީގެ ކިބައިގައި ނެތްކަމަށް ބުނެފައިވެއެވެ.
މިބަޔާން ނެރެފައިވަނީ ޕާކިސްތާނުގެ ތާލިބާނުންގެ ތެރޭން ބަޔަކު އައިއެސްއާ އެއްބައިވިކަން އިޢުލާންކޮށް އެޖަމާއަތުގެ ވެރިޔާ އަބޫބަކުރުލްބަޣްދާދީއަށް ބައިއަތު ހިފުމާ ގުޅިގެންނެވެ.
ތާލިބާނުންނަކީ ޕާކިސްތާނުގައި އިސްލާމީ ޝަރީއަތް ގާއިމްކުރުމުގެ ނަމުގައާއި ޖިހާދު ކުރުމުގެ ނަމުގައި ނުށެއްނެތް މުސްލިމުންނާއި ޣައިރު މުސްލިމުން މަރައި ބިމުގައި ފަސާދަކޮށް ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ހަރުކަށި ޖަމާއަތަކަށްވާތީ ޕާކިސްތާނުގެ ސަރުކާރުން އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ޖަމާއަތެކެވެ.
އައިއެސް ޖަމާއަތުގެ އަމަލުތަކާމެދު ތާލިބާނުން ކަންބޮޑުވެފައިވާ މިންވަރު، މިބަޔާނުން ހާމަވާކަމަށް މުރާސިލުން ބުނެއެވެ. ތާލިބާނުން އައިއެސްގެ ހަރުކަށި ފިކުރާމެދު ކަންބޮޑުވަނީ އައިއެސް ފިޔަވައި އިސްލާމީ އެއްވެސް ޖަމާއަތެއް އަދި ގައުމެއްވެސް ނޯންނާނެ ކަމަށް ބުނެ އައިއެސް ޖަމާއަތުން ގެންގުޅޭ ތަކްފީރީ ފިކުރުގެ ސަބަބުންނެވެ. އައިއެސްއަކީ ހުރިހާ ޝިޔައީންނަކީ ކާފަރުން ކަމަށް ދެކޭ ޖަމާއަތެކެވެ. އަދި ސުންނީންގެ ތެރެއިންވެސް އައިއެސްއަށް ބައިއަތު ނުހިފާ ކޮންމެ މުސްލިމަކީ ކާފަރެއްކަމަށް ދައުވާކުރާ ހައްދު ފަހަނަޅާފައިވާ ފަލްސަފާއެއް އައިއެސް އިން ގެންގުޅެއެވެ، މީގެއިތުރުން އައިއެސްއަކީ އޭޝިޔާގެ ގައުމުތަކާއި ސަރަހައްދުތައް އެޖަމާއަތުގެ އަތްދަށަށް ގެނައުމުގެ ވިސްނުމުގައި އުޅޭ ޖަމާއަތެއްކަމަށް ތާލިބާނުންގެ ލީޑަރޝިޕުން ދެކެއެވެ.
އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައާއި ޖިހާދުގެ ނަމުގައި ކުށެއްނެތް މީހުން މެރުމާއި ތަންތަނުގައި ބޮންގޮއްވުންފަދަ އަދި އިސްލާމް ދީނާ ޚިލާފު ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ގިނަ ޖަމާއަތްތަކަކީ ވެރިކަމަށްޓަކައި އެއްޖަމާއަތް އަނެއް ޖަމާއަތާ ތަޅާފޮޅައި އެއްޖަމާއަތުގެމައްޗަށް އަނެއް ޖަމާއަތް ގަދަވެ ގަތުމަށް މަސައްކަތް ކުރަމުން ގެންދާ ޖަމާއަތްތަކެވެ. މިގޮތުން ޕާކިސްތާނުގެ ތާލިބާން ޖަމާއަތަކީ އައިއެސް ޖަމާއަތާ ގުޅުންތަކެއް އޮންނަ ޖަމާއަތެއް ނޫންކަމަށާއި އެ ދެޖަމާއަތުގެ ލީޑަރޝިޕްތަކަކީ ވެސް އެއްބަޔަކު އަނެއްބަޔަކާ ވާދަކުރާ ލީޑަޝިޕްތަކެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. ނަމަވެސް ޕާކިސްތާން ތާލިބާނުންގެ މަދު އަދަދެއްގެ ބަޔަކު އައިއެސްއާ ގުޅުމަށްޓަކައި އިރާގާއި ސޫރިޔާއަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. (ރޮއިޓާސް)