ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކު އަވަހާރަވުމާއި ގުޅިގެން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ކިޔައިފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަލްމަރުހޫމް އަލީ އުމަރު މަނިކު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ގައުމީ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

އަލީ އުމަރު މަނިކަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ، ނުހަނު ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ވަރަށް ކުޅަދާނަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އަލީ އުމަރު މަނިކު އަވަހާރަވުމާއި ގުޅިގެން ގެއްލިގެން ދިޔައީ ނުހަނު އަގުހުރި ދިވެހި ދަރިއެއް ކަމަށެވެ. އަދި އެ މަނިކުފާނު ވަކިގެން ދިއުމަކީ ދިވެހިންނަށް ލިބިގެން ދިޔަ ފޫ ނުބެއްދޭ ވަރުގެ ފުން ހިތާމައެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަލީ އުމަރު މަނިކު އަވަހާރަ ވެފައިވަނީ ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 77 އެވެ.