އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ލައިޓް އެޑްވާންސްޑް ހެލިކޮޕްޓަރު ބާއްވާނެ ހޭންގަރެއް ލ. ކައްދޫ އެއާޕޯޓްގައި ތަރައްގީކުރަން އެގައުމުން 247471 އެމެރިކާ ޑޮލަރު ދީފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީއަށް ހަދިޔާ ކުރި އެފައިސާގެ ޗެކް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ރާޖީވް ޝަހާރޭ އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް)ގެ ހެޑްކުއާޓާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗެކާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އިންޑިއާ އިން ވަނީ ދިވެހި ސިފައިންނަށް ދެ ހެލިކޮޕްޓަރެއް މިހައިތަނަށް ހަދިޔާކޮށްފައިފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ހަދިޔާ ކުރި ކުރަނގި ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުންކުރަމުން އައި ނަމަވެސް ދެ ވަނަ ހެލިކޮޕްޓަރު އަދި އޮތީ އިންޑިއާގަ އެވެ. އެ ހެލިކޮޕްޓަރު ރާއްޖެއަށް ގެނައުން ލަސްވެގެން، ދެކެވެމުން ދިޔަ ވާހަކަ ތަކަށް ރައްދުދީ އިންޑިއާ ހައިކޮމިޝަނުން މިއަހަރުގެ ފެބްރުއަރީ މަހު ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހެލިކޮޕްޓަރު އޮތީ ރާއްޖޭގެ ކުލަތަކުން ދަވާދުލައި ރާއްޖެ އަށް ގެންނަން ތައްޔާރުކޮށްފައި ކަމަށެވެ.