20 Dec 2015, 15:21
ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި ހުންނަ ސަރަހައްދެއް ފޯނު މެދުވެރިކޮށް މެސެޖަކުން ކަމާ ބެހޭ އިދާރާތަކަށް އަންގާލެވޭގޮތަށް ހަދާފައިވާ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ "މޭކް މައި އައިލެންޑް" އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ.
މިއަދު ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެޕްލިކޭޝަން ލޯންޗްކޮށްްދެއްވީ އެންވަރަމެންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަޖީދު އެވެ.
އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މަޖީދު ވިދާޅުވީ މިއަދު ތައާރަފު ކުރި އެޕްލިކޭޝަންގެ އެހީގައި ކުންޏާ ބެހޭ މައްސަލަތައް ރިޕޯޓް ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ދިއުމުގެ ބަދަލުގައި ފޯނުން ވަގުތުން އަންގާލެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މޭކް މައި އައިލެންޑް" އެޕްލިކޭޝަން ލޯންޗްކުރުމަށް މިއަދު ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު
"މިއަދު މި ތައާރަފް ކުރެވޭ އެޕްލިކޭޝަނަކީ މާލެ ވިލިމާލެ އަދި ހުޅުމާލެ އަދި ލ. އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށް ކަމަށްވާ ކައްދޫ ފޮނަދޫ ގަން އަދި މާންދޫއަށް ބޭނުން ކުރެވޭގޮތަށް ތައާރަފް ކުރެވޭ އެޕްލިކޭޝަނެއް ކަމަށް ވިއަސް އަޅުގަނޑުގެ އުންމީދަކީ މުޅިރާއްޖެއަށް މި އެޕްލިކޭޝަން ތައާރަފް ކުރުން،" މަޖީދު ވިދާޅުވި އެވެ.
ޒަމާނާއި ހާލަތު ބަދަލުވުމާ އެކު ދިމާވާ މައްސަލަތައް ވެސް ބަދަލުވެފައިވާ ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި މިހާރު ޓެކްނޮލޮޖީގެ އެހީ ބޭނުން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ތައާރަފު ކުރި އެޕްލިކޭޝަނުގެ ފޮނިމީރުކަން ރައްޔިތުންނަށް ފެންނާނީ އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭ ރިޕޯޓުތަކަށް ކަމާ ބެހޭ އިދާރާތަކުން އަމަލީ ހައްލެއް ގެނެސް ދިނުމުން ކަމަށް މަޖީދު ވިދާޅުވި އެވެ.
"މޭކް މައި އައިލެންޑް" އެޕްލިކޭޝަން ލޯންޗްކުރުމަށް މިއަދު ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު
"މޭކް މައި އައިލެންޑް" އެޕްލިކޭޝަނުން ހުންނަ ސަރަހައްދާއި ކުނި ހުރި މަންޒަރުގެ ފޮޓޯއާ އެކު އިތުރު ތަފްސީލު ލިއުމަށްފަހު ފޮނުވާލެވޭނެ އެވެ. ފޮނުވާ މައްސަލަތައް އެޕްލިކޭޝަނުގެ އެހީގައި ކަމާ ބެހޭ އިދާރާތަކަށް ފޯރުކޮށް ދެވޭނެ ކަމަށް ޔޫއެންޑީޕީ އިން ބުންޏެވެ.
މަގުމައްޗާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ކުނި ހުންނަ މައްސަލައަކީ މާލޭގައި ވެސް ވަރަށް އާންމު މައްސަލަ އެވެ. އެކަން ހައްލު ކުރުމަށް މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓި ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ވަނީ ނުލިބިފަ އެވެ.