ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރުމުގެ މުއްދަތު ތިން އަހަރަށް ފަސް ކުރާ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު މިއަދު އިސްލާހްކޮށްފި އެވެ.

ޕެންޝަނާ ބެހޭ ގާނޫން އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި އެ އެ އިސްލާހު ފާސްކޮށްފައިވަނީ، އެ ގާނޫނަށް އަމަލު ކުރަންފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީ މުވައްޒިފުން ޕެންޝަން ސްކީމުގައި ބައިވެރިކުރަންޖެހޭ ގޮތަށެ. ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒް ހުށަހެޅުއްވި އެ އިސްލާހު ފާސްކޮށްފައިވަނީ އޭރު ޖަލްސާގައި ތިއްބެވި އެ ވަގުތު ހާޒިރުވެ ތިއްބެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ.

މީގެ އިތުރުން އެ އިސްލާހަށް އަމަލުކުރަން ފަށާތާ ލަސްވެގެން 12 މަސްދުވަހުގެ ތެރޭގައި ބިދޭސީން، ޕެންޝަން ސްކީމުގައި ބައިވެރި ކުރަން އަމަލު ކުރަންޖެހޭ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވާލަންވާނެ ކަމަށް ބުނާ އިސްލާހެއް ވެސް ފާސްވި އެވެ. މަޑަވެލީ ދާއިރާގެ މުހައްމަދު ނާޒިމް ހުށަހެޅުއްވި އެ އިސްލާހު ފާސްވީ 76 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.

ޕެންޝަން ގާނޫނަށް ހުށަހެޅި އެ ދެ އިސްލާހާ އެކު ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހާޒިރުވެ ތިއްބެވި 76 މެމްބަރުންގެ ތެރެއިން 70 މެމްބަރުންނެވެ. މި ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.