20 Dec 2015, 18:45
މުންބައްސާ (ޑިސެމްބަރު 20): މޮރިޝަސްއިން ފުރައިގެން ޕެރިހަށް ދަތުރު ކުރަމުންދިޔަ ދިޔަ އެއާ ފްރާންސްގެ ސްކައި ޓީމްގެ މަތިންދާބޯޓަކުން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން އެބޯޓު ކުއްލި ޙާލަތުގައި ކެންޔާގެ މުންބައްސާގެ މޯއީ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފި އެވެ.
ކެންޔާގެ ފުލުހުންނާއި އެއާ ފްރާންސްގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި 459 ފަސިންޖަރުންނާއި 14 ފަޅުވެރިންނާއެކު ބޮއިން 777 މަރުކާގެ މިބޯޓު، ވައިގެ ތެރޭގައި ދަތުރުކުރަނިކޮށް ފެނިފައިވަނީ ބިރުވެރިގޮތަކަށް އޮތް ބޮމެއް ފަދަ އެއްޗެކެވެ. އެ އެއްޗެއް ފެނުނީ އެބޯޓުގެ ފާޚާނާގެ ތެރޭގައި އޮއްވައި ކަމަށާއި މުންބައްސާއަށް ޖެއްސުމަށްފަހު ކެންޔާގެ ފުލުހުން އޭތި ގެންގޮސް ތަހްލީލު ކުރަން ފަށާފައިވާ ކަމަށްވެސް އެ ދެފަރާތުން ބުނެފައިވެއެވެ.
މި ބޯޓު މުންބައްސާއަށް ޖެއްސުމަށްފަހު ފަސިންޖަރުން އެއިން ފައިބައިފައިވަނީ ކުއްލި ޙާލަތުގައި މީހުން ފައިބާ ގޮތަށް އިމަޖެންސީ ސްލައިޑް ބޭނުންކޮށްގެންނެވެ.
މިހާދިސާގައި މީހަކަށްވެސް އަދި އެބޯޓަށްވެސް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އަދި ބޯޓުގެ ފަސިންޖަރުން އެހެން ބޯޓެއްގައި ޕެރިހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އެއާ ފްރާންސުން ބުނެއެވެ.
ފަރަންސޭސިވިލާތަކީ އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ދެމުން ގެންދާ ގައުމެކެވެ. އެހެންކަމުން މިހަމަލާތަކުގެ ބަދަލު ހިފުމަށް ފަރަންސޭސި ފަސިންޖަރު މަތިންދާބޯޓެއް ގޮއްވާލުމަކީ އައިއެސްއިން ކޮށްފާނެ ކަމެއްކަމަށް ފަރަންސޭސި މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. އައިއެސް އިން ދާދިފަހުންވަނީ މިސްރުގެ ސައިނާގެ ޝަރްމުއްޝައިޚް އެއަރޕޯޓުން ފުރި ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓުމުގެ ޙާދިސާއަކީވެސް އެޖަމަޢަތާ ގުޅުންހުރި ކަމެއްކަމަށް ބުނެފައެވެ. ރަޝިޔާގެ މަތިންދާބޯޓު ވައްޓާލީ އައިއެސްއިން ކަމަށް އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ރަޝިޔާގެ މަތިންދާބޯޓު ވެއްޓުމުގެ ޙާދިސާ ތަހުގީގް ކުރިއިރު އެބޯޓު ވެއްޓުނީ އެއްޗެއް ގޮވުމުގެ ސަބަބުން ޖައްވުގައި ދެފަޅިއަށް ފަޅައިގެން ގޮސްގެންކަން އެބޯޓުގެ ކަޅު ފޮށީގެ ތަހްލީލް ތަކުން ސާފުވާކަމަށް އެމައްސަލަ ތަހުގީގް ކުރި މުހައްގިގުންގެ ޓީމުން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)