20 Dec 2015, 16:05
ވޮޝިންޓަން (ޑިސެމްބަރ 20): އައިއެސްގެ ބައިވެރިން އިތުރުވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
އިއްޔެ އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރެޒިޑެންޝަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވަމުން ހިލަރީ ވިދާޅުވީ، ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓުން، ހާއްސަކޮށް ޓްރަމްޕް މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލުމުން އެމެރިކާއާއި މުޅި ދުނިޔޭގެ މުސްލިމުންނަށް ލިބޭނެ މެސެޖަކީ "ހުޅަނގުން އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރާވަމުންދާ" ކަމުގެ ނުބައި މެސެޖް ކަމަށެވެ. އަދި އޭގެ ސަބަބުން އައިއެސް ފަދަ ޖަމާއަތްތަކަށް ވާގިވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވާނެ ކަމަށް ހިލަރީ ވިދާޅުވި އެވެ.
"ހައްދު ފަހަނައަޅައިފައިވާ މީހުން އިތުރުކުރުމަށްޓަކައި އެމީހުން (އައިއެސް) އިން ދަނީ އިސްލާމްދީނަށާއި މުސްލިމުންނަށް ޓްރަމްޕް ބަދުބަސް ބުނެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް މީހުންނަށް ދައްކަމުން،" ހިލަރީ ކްލިންޓަން ވިދާޅުވި އެވެ.
މީގެ އިތުރުން އެމެރިކާގައި ދިރިއުޅޭ މުސްލިމު އުއްމަތްތައް ބާކީ ނުކޮށް، އެމެރިކާއަށް ކުރިމަތިވެފައިވާ ނުރައްކަލާ ހަނގުރާމަ ކުރުމުގައި މުސްލިމުންނާ އެއްބައިވުމުގެ މުހިއްމުކަން ހިލަރީ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ކުރިމަތިލަމުންދާ ނުރައްކާތަކާއި ދެކޮޅަށް (އެމެރިކާގެ ހުރިހާ ރައްޔިތުން) އެއްބައިވާންޖެހޭ. ގައުމުގައި ހިނގަމުންދާ ކަންތައްތައް ބަލައި، ޝައްކު ކުރެވޭ ކަމެއް ފެނިއްޖެނަމަ، ރިޕޯޓުކުރުމަށް ހުރިހާ ރައްޔިތުން އިސްކަންދޭންޖެހޭ. އަޅުގަނޑުމެންނަށް އެމެރިކާގެ މުސްލިމް ރައްޔިތުންގެ އެހީ ބޭނުންވާ ވަގުތު އެމީހުން ބާކީކޮށް އެއްފަރާތް ނުކުރަންވެސް އިސްކަންދޭންޖެހޭ،" ހިލަރީ ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުގައި ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ ހިލަރީ ކްލިންޓަން އެވެ. (ނިއުސްއޭޖެންސީތައް)