20 Dec 2015, 14:41
ތިންހާސް މެމްބަރުން ހަމަކުރުމަށް ކުދި ސިޔާސީ ޕާޓީތަކަށް ދިން މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ އަދަދަށް މެމްބަރުން ހަމަ ނުކުރުމުން ސިޔާސީ އަށް ޕާޓީއެއް އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ ސިޔާސީ އަށް ޕާޓީއެއް މިއަދު އުވާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ 3000 މެމްބަރުން ހަމަކުރުމަށް ނޯޓިސް ދިނުމުން ވެސް މެމްބަރުންގެ އަދަދު ހަމަ ނުކުރުމުން އުވާލާފައި ވަނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޝޯސަލް ޑިމޮކްރެޓިކް ޕާޓީ އާއި ޝޯސަލް ލިބަރަލް ޕާޓީ އާއި ޕީޕަލްސް ޕާޓީ އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އާއި ޕީޕަލްސް އެލައަންސް އާއި މޯލްޑިވިއަން ލޭބާ ޕާޓީގެ އިތުރުން ދިވެހި ގައުމީ ޕާޓީ ކަމަށެވެ.
އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތަށް މެމްބަރުން ހަމަ ކުރުމަށް ޕާޓީތަކަށް މުހުލަތެއް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިއަހަރުގެ އޮގަސްޓް މަހު ގެނައި އިސްލާހުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ނޯޓިސް ދީފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ 14 ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.