އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެސްޓީއޯގެ ފަރާތުން އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި އެސެމްބްލީގައި ވާހަކަފުޅު ދައްކަަވަމުން ޝަހީރު ވިދާޅުވީ ކޮންމެ އަހަރަކު އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު، އެސްޓީއޯގެ ހަރަދުގައި ހައްޖަށް ފޮނުވާނެ ކަމަށެވެ.

ޝަހީރު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ މުވައްޒަފުންނަށް ފަސޭހަވާނެ ގިނަ ގޮތްތަކެއް ހޯދައދިނުމަށް ކަމަށެވެ.

އެސްޓީއޯގެ މައިގަނޑު މަގުސަދަކީ ގުޅި ލާމެހިފައިވާ ވިއުގައެއްގެ ތެރެއިން އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އެކަށީގެންވާ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވެސް ޝަހީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްޓީއޯގެ ހިދުމަތުގެ ދިގު މާޒީގެ ތެރޭގައި ކުންފުނިން ވަނީ ދިވެހިރާއްޖޭގެ އިގްތިސާދާއި އުމްރާނީ، މާއްދީ އަދި އިޖްތިމާއީ ތަރައްގީއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައި ކަމަށެވެ.

އެސްޓީއޯގެ 51 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހެޑް ހޮފީހުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން--- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ މުވައްޒަފުންނާއި މެނޭޖްމެންޓް ބައިވެރި ވެގެން ކުރިއަށް ގެންދިޔަ އެ އެސެމްބްލީގައި ވަނީ "ވިލް"ގެ ނަމުގައި ހާއްސަ ކެމްޕެއިން އެއް ލޯންޗު ކޮށްފައެވެ.

ވިލް ކެމްޕެއިން އަކީ އެސްޓީއޯގެ މެނޭޖްމެންޓް އާއި މުވައްޒަފުން ހަރުދަނާގޮތެއްގައި ގުޅުވާ އިތުރަށް ތަރައްގީކޮށް އިޖުތިމާއީ މަސައްކަތްތަކެއް ކުރުމަށްޓަކައި ފެށި ކެމްޕެއިނެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެ ކެމްޕެއިންގައި ބަލާނެ ދާއިރާތަކުގެ ތެރޭގައި އެސްޓީއޯގެ މުވައްޒަފުންނާއި ކަސްޓަމަރުންނާއި އިޖުތިމާއީ ކަންތަކާއި ތިމާވެއްޓާ ގުޅުންހުރި ކަންތައް ހިމެނޭ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.