20 Dec 2015, 14:11
ރަނާސް މޯލްޑިވިސް ގެ ފަރާތުން ބޭއްވުމަށް ތައްޔާރު ވަމުންދާ އެމްވީ 50 އަލްޓްރާ ރަންސްގައި ރާއްޖޭގެ ދުވުންތެރިއާ އަހްމަދު އާތިފް(އާތި) 24 ގަޑިއިރު ހުއްޓުމެއް ނެތި ދުވަން ތައްޔާރު ވެއްޖެއެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރާ މިއަހަރުގެ އެންމެ ފަހު 50 ގަޑިއިރުތެރޭގައި ރަނާސް މޯލްޑިވިސްގެ ފަރާތުން ބޭއްވުމަށް ތައްޔާރުވަމުންދާ އެމްވީ 50 އަލްޓްރާ ރަންސްގެ ސުޕޮންސަޝިޕް އެއްބަސް ވުމުގައި ސޮނީ ސްޕޯޓްސް އާއި އެކު ސޮއިކުރުމަށް ހައުސް އޮފް ސޮނީ ސްޕޯޓްސް ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާތި ބުނީ އޭނާ އެކަމަށް ނިކުންނައިރު ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެކަންތަށް ގިރާ ކުރުމަށް ފަހު އެ ދުވުން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ޗެލެންޖެއް. މިކަމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނަމަވެސް ރާއްޖޭން ބޭރުގައި މިއީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ކުރިއަށްދާ ކަމައެއް. މި ދުވުމުގެ ސަބަބުން އިތުރުފަރާތް ތަކެއް މީގެ ތެރެއަށް ވަދެގެންދާނެ ކަމަށް އުންމީދު ކުރަނީ،" އާތި ބުންޏެވެ.
މިމަހުގެ 29 ވަނަ ދުވަހުގެރޭ 22:00 ގައި ފަށާ އެ ހަރަކާތް ނިމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ ގެ ދަންވަރު 00:00 އަށެވެ. ދުވުން ކުރިއަށްދިޔަ ނަމަވެސް ނަމާދުކުރުމާއި ކޮންމެހެން ފުއްދަންޖެހޭ ޒަރޫރީ ބޭނުންތަށް ފުއްދުމަށްޓަކައި ދުވުން ބައެއް ފަހަރު މެދު ކަނޑާލި ނަމަވެސް 24 ގަޑިއިރުގެ ދުވުން ފުރިހަމަ ކުރާނެ ކަމުގެ ޔަގީން ކަތް އެބައޮތް ކަމަށް އޭނާގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް ބުންޏެވެ.
"އަހަރެންގެ އިރުޝާދުގެ ދަށުން އާތި މި ނިކުންނަނީ. އޭނާ ހުރީ ވެސް ވަރަށް ފިޓްކޮށް. ހަތަރު މަސް ވެއްޖެ އާތި ލައްވާ ޓްރެއިނިންތަށް ހަދާތާ. ނަމަވެސް އަދި 24 ގަޑިއިރަށް ދުވާކަށް ޓްރެއިނިންނެއް ނުހަދަން. ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް އިތުރު ތަމްރީންތަށް ހަދަމުން ދާނީ،" ނާސިރު ބުންޏެވެ.
އާންމު ކޮށް ހުޅުވާލައިގެން ބާއްވާ އެ އިވެންޓްގައި ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ކޮންމެ ބައިވެރިއެއްގެ އަތުން 50 ރުފިޔާ ނާގާގޮތަށް ވަނީ ހަމަޖެހިފައެވެ. ރަނާސް މޯލްޑިވްސް އިން ބުނީ އެ ނަގާ 50 ރުފިޔާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކޮންމެވެސް ޗެރެޓީ ފަންޑަކަށް ކަމަށެވެ.