ރާއްޖޭން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިން ފައިސާ ކެނޑޭ ލިމިޓް އެ ބޭންކުން އިތުރުކޮށްފި އެވެ.

މީގެ ކުރިން ވިސާކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ނެގެނީ ވެސް އަދި ޕީއޯއެސް މެދުވެރިކޮށް ދުވާލަކަށް ބޭނުންކުރެވެނީ 400 ޑޮލަރާ އެއްވަރަށް ފައިސާ އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 1000 އަށް އިތުރުކޮށްފަ އެވެ.

މިހާރު ބީއެމްއެލް އިން އެ ލިމިޓް އިތުރު ކުރުމާ އެކު، އޭޓީއެމް އިން ދުވާލަކަށް 400 ޑޮލަރަށްވާ ފައިސާ ނެގޭނެ އެވެ. އަދި ޕީއޯއެސް މެޝިންތައް މެދުވެރިކޮށް 600 ޑޮލަރަށް ވާވަރަށް ވިޔަފާރި ކުރެވެ އެވެ.

ބީއެމްއެލް އިން ބުނީ އެއީ ކަސްޓަމަރުންގެ ޚިޔާލާއި އަދި ބޭންކުން ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

އެ ބަދަލާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވެސްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި އެއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި ވަކިން ހާއްސަކޮށް މިދުވަސްވަރު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށާއި ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ލިބޭ އުފަލަކަށް ވާނެ ކަމަށެވެ.