މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ ހޮވުމާއި ދައުލަތުގެ އިދާރާތައް ދަރަޖަ ކުރާނެ ގޮތުގެ އުސޫލު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މިއަދު ހާމަކޮށްފިއެވެ.

އެ އުސޫލު އާއްމުކުރުމަށް މިއަދު އައިކޮމް ގައި ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން، އިންފޮމޭޝަން ކޮމިޝަނާ އަބްދުލް އަޒީޒު އަބޫބަކުރު ވިދަޅުވީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ވާ ގޮތުން ކޮންމެ އިދާރާއެއް ވެސް އިސްނަގައިގެން އާއްމުކުރަން ޖެހޭ މައުލޫމާތުތަކެއް ވާ ކަމަށެވެ. ނަމަވެސް އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާ ކަމަށެވެ.

"މިހާތަނަށް އައި އިރުގައި ރާއްޖޭގައި ކަންތައް ހުރި ގޮތުން އަޅުގަނޑުމެން އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ހިންގަމުން ނުދާތީވެ، އަޅުގަނޑުމެން އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މި ތައާރަފު ކުރަނީ މައުލޫމާތު ދިނުމުގެ ރަންވަނަ ހޮވަން،" އަޒީޒު ވިދާޅުވިއެވެ.

އަޒީޒު ވިދާޅުވީ، މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަކީ އެންމެ ޝަރަފުވެރި ވަނަ ކަމަށެވެ. އަދި އެ ވަނައިގެ ސަބަބުން އެންމެ ރަނގަޅަށް މައުލޫމާތު ހާމަ ކުރާ އިދާރާއެއް އެނގިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ" ހޮވުމަށް އެކުލަވާލާފައިވާ އުސޫލުގައި ވާ ގޮތުން، އެ މަގާމަށް އިދާރާއެއް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށައަޅާ އިދާރާތަކުގެ ތެރެއިންނެވެ. އަދި އެކަމަށް ކުރިމަތިލާ ފޯމު އަންނަ އަހަރު މެދެއްހާ ތާނގައި ތައާރަފު ކުރާނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މައުލޫމާތު ހާމަ ކުރުމުގެ މިންވަރަށް ބަލައި އިދާރާތައް ގިންތި ކުރަން އެކުލަވާލާފައިވާ އުސޫލުގައި ވާ ގޮތުން، ދައުލަތުގެ އިދާރާތައް ގިންތި ކުރެވޭނީ، އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް އިސްކަން ދޭ މިންވަރަށް ބަލުމަށް ފަހުގައެވެ. އަދި އެކަން ކުރާނީ އައިކޮމް އިން ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މައުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި ދައުލަތުގެ އިދާރާތައް ދަރަޖަ ކުރާނެ ގޮތުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓާއި އައިކޮމްގެ ވެބްސައިޓުގައި މާދަމާ ޝާއިއު ކުރެވޭނެ ކަމަށް އައިކޮމް އިން މައުލޫމާތުދެއެވެ.