ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކުރާ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ކުރިމަތިލުމުމުގެ ފުރުސަތު ހަތަރުވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓުރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހަތަރު ވަނަ ފަހަރަށް ހުޅުވާލައިފައި ވަނީ މިދިޔަ އޯގަސްޓު މަހު އެ މިނިސްޓްރީ އިން ކުރި އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޓަކައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން ކަމަށެވެ. ހަމައެއާ އެކު ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުމަކީ ވެސް އެ ކައުންސިލުގެ ޒިންމާ އެކެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަސްއޫލިއްޔަތަކީ ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަން ޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރު މެވެ.

ގާނޫނުގައި ބުނެފައި ވަނީ މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުމަކީ ވެސް އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކުސް ދިނުމުގައި ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާއަށް ބަލާނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓުފިކެޓަށް އެކަނި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނީ މޯލްޑިވްސް ނާސިން އެންޑު މިޑްވައިފް ކައުންސިލަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން އެ މިނިސްޓްރީއަށް އެކަން ހުށަހަޅަން އެދޭ ކަމަށެވެ.