ވަކި ހާއްސަ ހާލަތެއްގައި ބަލިމީހާއަށް މަރުވާން ނިންމުމުގެ އިހުތިޔާރު ދިނުމަށް ތައިވާނުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.

މަރުވުމުގެ ހައްގު ބަލިމީހާ އަށް ދޭން ތައިވާނުން ނިންމުމާ ގުޅިގެން އެގައުމު ވާނީ އެގޮތަށް ގާނޫނު ފާސްކުރި އޭޝިއާގެ ފުރަތަމަ ގައުމަށެވެ. އިއްޔެ އެގައުމުގެ މަޖިލީހުން ފާސްކުރި އެ ގާނޫނަށް ތިން އަހަރުތެރޭ އަމަލުކުރަން ފަށާނެ ކަމަށް ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީ އިން ވަނީ އިއުލާނުކޮށްފަ އެވެ.

ނަމަވެސް އެގޮތަށް މަރުވުމުގެ އިހުތިޔާރު ބަލި މީހާއަށް ދެނީ ފަސް ހާލަތެއް މެދުވެރި ވެގެންނެވެ. އޭގެ ތެރޭގައި ސަލާމަތް ނުވެވޭވަރުގެ ބޮޑު ބައްޔެއް ބަލިމީހާގެގައިގައި ހުރުމާއި، ކޯމާ އިން ނުނިކުމެވި އޮންނަން ޖެހުމާއި، ސިކުނޑިއަށް ގެއްލުންތެކެއް ލިބި ދުނިޔެއިން މޮޔަވުމުގެ އިތުރުން އުމުރުން ދުވަސްވުމުގެ ސަބަބުން މީހެއްގެ އެހީއާ ނުލާ ނޫޅެވޭ ހިސާބަށް ދެވުން ހިމެނެ އެވެ.

އެހާލަތްތަކުގައި ވެސް މަރުވުމުގެ އިހުތިޔާރު ލިބޭނީ ޑޮކްޓަރަށް ދެއްކުމަށް ފަހު އިތުރު ފަރުވާއެއް ދެވެން ނެތް ކަމަށް ޑޮކްޓަރު ކަނޑައެޅުމުން ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

އެގާނޫނުގެ ބޭނުމަކީ ލައިފް ސަޕޯޓުގެ އެހީ ބޭނުން ކުރުމަށް ބަލިމީހާ އަށް މަޖުބޫރު ނުކުރުމާއި އަމާންކޮށް މަރުވުމުގެ އިހުތިޔާރު ބަލިމީހާއަށް ދިނުން ކަމަށް ތައިވާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބުނެފަ އެވެ.