"ރާއްޖޭގެ ވެރިމީހާ އަސްލު ހުންނާނީ ސިންގަޕޫރުގައި. ކޮންމެ މީހަކު ރައީސަކަށް ހުއްޓަސް ވެރިކަން ކުރާނީ ކޮލި އަލިމަނިކު،" މިއީ ކޮލިގޭ އަލީ އުމަރު މަނިކާ ބެހޭ ގޮތުން އެއް އިރެއްގައި ތައާރަފްދީ އުޅުނު ގޮތެވެ. އޭރު އެވާހަކަ ދައްކަމުން ދިޔައީ ތުހުމަތުތަކަކާ އެކުގަ އެވެ. ރޭ އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަލީ އުމަރު މަނިކާއި ރާއްޖޭގެ އެކި ދުވަސްވަރުގެ ވެރިންނާ ދެމެދު ގުޅުން ބައެއް މީހުން ސިފަކުރަމުން ދިޔައީ އެފަދަ ގޮތަކަށެވެ.

އަލިމަނިކާ މެދު އެފަދަ ގޮތަކަށް ވާހަކަ ދެއްކި ސަބަބުތައް އޭނާ އަމިއްލަ ފުޅަށް ލިއުއްވާފައިވާ އަމިއްލަފުޅު ހަނދާންތަކާ ބެހޭ ފޮތުން ފެންނަން އެބަ އޮތެވެ. "މައި ލޮގް ބުކް"ގެ ނަމުގައި ލިއުއްވާފައިވާ ފޮތުން ފެންނަން އޮތީ އެފަދަ ޚިދުމަތް ތަކެކެވެ.

ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގައި އޭނާ ހޭދަކުރެއްވި 50 އަހަރަކީ ރާއްޖެ މުޅިން އެހެން ރާއްޖެއަކަށް ބަދަލުވެގެން ދިޔަ 50 އަހަރެވެ. އެ ބައި ގަރުނުގެ ތެރޭގައި ރާއްޖެއަށް އައި ބަދަލުތަކުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. އެ މަސައްކަތްޕުޅުތަކުގެ ވާހަކަ ފޮތުގައި ލިއުއްވި ނަމަވެސް އެއީ ހަގީގަތުގައި ލިއުއްވަން ބޭނުންވެވަޑައިގެންނެވި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

"...އަހަރެން ހަގީގަތުގައި އެދެނީ ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި އަހަރެން އަދާކުރި ދައުރު ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އެހެން ނަމަވެސް އިނގިރޭސިންގެ ހިމާޔަތުގައި އޮތް ވިޔަފާރިވެރިންނާއި ފަގީރު މަސްވެރިންގެ ގައުމަކުން ކުރިއަރަމުން އަންނަ މިނިވަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގައި އަހަރެން އަދާކުރި ދައުރު ކިޔައި ދިނުމަކީ އަހަރެންގެ ޒިންމާއަކަށް ވެއްޖެ އެވެ. ހަމަ އެކަނި އަހަރެންގެ ދަރީންނާއި ދަރިންނަކަށް ނޫނެވެ. އެންމެހާ ދިވެހިންނަށެވެ. އަދި މިހައި ތަނަށް އުފަން ނުވެތިބި ކުދިން ހިމެނޭ ގޮތުންނެވެ،" ފޮތް ލިއުއްވި ސަބަބެއްގެ ގޮތުގައި އަލި މަނިކު ލިއުއްވާފައިވެ އެވެ.

ރާއްޖެއަށް ހިދުމަތްކުރައްވަން އަލި މަނިކު ފެއްޓެވީ ތައުލީމީ ޙަޔާތްޕުޅު ނުވެސް ނިމެނީހެވެ. ނަމަވެސް އެކަން ފެށުނީ ދަރިވަރެއްގެ ގޮތުގައި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނެވި އިރުގަ އެވެ. އޭނާ 1947 ވަނަ އަހަރު ކޮޅުނބަށް ވަޑައިގެންނެވީ ސަރުކާރުގެ ނަވެއް ކަމަށްވާ ފަތުހުލް ބާރީގައެވެ.

މޯލްޑިވިއަން ނެޝަނަލް ޓްރޭޑިން ކޯޕަރޭޝަން (އެމްއެންޓީސީ)ގައި

މޯލްޑިވިއަން ނެޝަނަލް ޓްރޭޑިން ކޯޕަރޭޝަން ( އެމްއެންޓީސީ) އަކީ އަލިމަނިކު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފަށްޓަވަން ލިބިވަޑައިގެންނެވި ފުރުސަތަކަށްވި އެވެ. ނަމަވެސް އެކުންފުނީގެ ނަން އޭނާ ފާހަގަކުރައްވާފައި ވަނީ މަސައްކަތް ދަސްކުރެއްވި ތަމްރީނު މަރުކަޒެއްގެ ގޮތުގަ އެވެ. އޭނާ ވިޔަފާރި ދަސްކުރެއްވީ "ޓްރެއިނީ"އެއްގެ ގޮތުގައި އެ ކުންފުނީގައި ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ. ބައްޕަ ދެއްވި އިރުޝާދަށް އޭނާ އެކަމުގައި އަމަލު ކުރެއްވި އެވެ. އެތަނުން މަސައްކަތް ދަސްވި އެއްމެ މުހިއްމު ސަބަބަކީ އެއީ ކަމަށް އޭނާ ދެކެވަޑައިގެންނެވި އެވެ. އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރުގެ މޭޒާ ޖެހިގެން ހުރި މޭޒެއްގައި މަސައްކަތް ކުރައްވަން އޭނާ ދެކޮޅު ހެއްދެވީ އެ އުސޫލުންނެވެ. އޭގެ ބަދަލުގައި މަސައްކަތްތެރިންނާ ވީހާވެސް ގިނައިން ބައްދަލުވާ ތަނެއް އޭނާ ހިޔާރުކުރެއްވި އެވެ.

މިނިވަންކަން ލިބުމާއި އެއާޕޯޓް ބިނާކުރުން

ރާއްޖެއަށް މިނިވަން ލިބުމާއި ރާއްޖޭގައި ދައުލަތުން ފުރަތަމަ ފަހަރަށް އެއާޕޯޓެއް ބިނާ ކުރުމަކީ މުހިއްމު ދައުރެއް އަދާ ކުރައްވަން ލިބިވަޑައިގެންނެވި މުހިއްމު ކަންތައްތަކުގެ ލިސްޓްގައި އަލިމަނިކު ފާހަގަ ކުރައްވާފައިވާ ދެކަމެވެ.

އެ ދެ ކަންތަކުގައި ވެސް އޭނާ މަސައްކަތްކުރައްވާފައި ވަނީ ބައްޕަ ދެއްވާފައިވާ ނަސޭހަތާ އެއްގޮތަށެވެ. ވެރިން އެދިވަޑައިގެންނެވި ކަންތައް ފުރިހަމަ އަށް ކުރެއްވޭތޯ ބެއްލެވި އެވެ. އެގޮތުން އެއާޕޯޓް އެޅުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖޭން ބޭރުން ހާއްސަކޮށް ސްރީލަންކާ އިން ހޯއްދެވުމަކީ އޭނާ ކުރެއްވި މަސައްކަތެކެވެ. ކުންފުނިތަކާ މުއާމަލާތް ކުރެއްވުމުގައި އިސްކޮށް އުޅުއްވީ ވެސް އަލިމަނިކެވެ.

ރާއްޖެ އަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި އައްޑޫ އަތޮޅު ގަމުގައި އިނގިރޭސިން ބިނާކޮށްފައިވާ އެއާޕޯޓާ ބެހޭ ގޮތުން ހިމަނަން އުޅުނު ނުގުތާ އުނިކުރުމަށް އިނގޭސީންނާ އެކު އޭނާ ހޫނު މަޝްވަރާތަކެއް ކުރެއްވި އެވެ. އެމީހުން ހިމަނަން އުޅުނު ނުގުތާގައި ވަނީ ގަމުގެ އެއާޕޯޓް ދިވެހި ސަރުކާރުގެ ހުއްދަ ނުހޯދައި ކޮންމެ ވަގުތަކު ވެސް ބޭނުން ކުރެވޭ ގޮތަށް އޮތުމެވެ.

އިނގިރޭސިން ގަމުން ފޭބި ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން ގަމާ ހަވާލުވެވަޑައިގެންނެވީ ވެސް އަލިމަނިކެވެ.

އަލިމަނިކު ރުހިވަޑައި ނުގެން ހުންނަވަނިކޮށް ވެސް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ރައީސް ކަމުގެ ދައުރުގައި ނައިބު ރައީސެއްގެ މަގާމު އޭނާއަށް ދެއްވީ އެފަދަ ސަބަބުތަކާ ހެދިއެވެ.

އިސްލާމީ މަރުކަޒު ބިނާކުރުން

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި މިއަދު ވެސް ހުރި މަސްޖިދުއް ސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒެއް ވެސް ހިމެނޭ ގޮތުން ބިނާކުރުމުގައި އަލިމަނިކު މުހިއްމު ދައުރެއް އަދާކުރެއްވި އެވެ. އެގޮތުން އެ މިސްކިތް އަޅަން ލިބިފައި އޮތް ބިމުގައި އިމާރާތް ކުރެވޭނެ ސައިޒްގެ މިސްކިތެއް ބައްލަވައި، އެ މިސްކިތް ފަރުމާކުރި އާކިޓެކްޓް ހޯއްދެވީ އޭނާ އެވެ. އަދި އެމިސްކިތް ބިނާކުރުމަށް ބޭނުންވާ ފައިސާގެ އެހީ، ސައުދީ ރަސްގެފާނުގެ ފަރާތްޕުޅުން ހޯދުމަށް ބޭނުންވާ ޕްރޮޕޯސަލް ވެސް ތައްޔާރު ކުރެއްވީ އޭނާ އެވެ.

މިއީ އަލިމަނިކުގެ ހިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މަދު ކަންތްތަކެވެ. މިނޫން ވެސް އެތައް ގިނަ ހިދުމަތްތަކެއް އޭނާ ވަނީ ރާއްޖެއަށް ކުރައްވާފައިވެ އެވެ.

ކުރީގެ ރައީސް ނާސިރާއި ކުރީގެ ރައީސް މައުމޫނު، އެބޭފުޅުންގެ މަސައްކަތްޕުޅުގައި އަލިމަނިކުގެ އެހީތެރިކަން ހޯއްދަވާފައި ވަނީ "އޭނާ އަކީ ރާއްޖޭގެ ވެރިމީހާއޭ" ކީ މީހުން އެހެން ކިޔާ ފަދަ މަތީ މިންވަރަކަށެވެ.

އެހުރިހާ ކާމިޔާބީއެއް އޭނާ އަށް ހާސިލު ކުރެއްވުނު ސަބަބެއް ކަމަށް އޭނާ ދެކެވަޑައި ގަންނަވަނީ ބައްޕަ ދެއްވި ނަސޭހަތާ އެއްގޮތަށް މަސައްކަތް ކުރެއްވުމެވެ.

އަލިމަނިކުގެ ބައްޕަ ކޮލިގޭ އުމަރު މަނިކު އޭނާއަށް ދެއްވީ ވަރަށް ސާދާ ކުޑަ ކުޑަ ނަސޭހަތެކެވެ.
"...ސިޔާސީ ކަންކަމުގައި ދުވަހަކު ވެސް ބައިވެރިނުވާތި. ކަމެއް ކުރަންވީ ގޮތް ކަލޭގެ ވެރިޔާއަށް ދުވަހަކު ވެސް ކިޔައި ނުދޭތި. އޭނާ ކުރަން ބުނާ ކަމެއް ކަލެއަށް ކުރެވޭ އެންމެ ރަނގަޅަކަށް ކުރާތި،" އަލިމަނިކާއި އޭނާގެ އަޚުންނަށް ބައްޕަ ދެއްވި ނަސޭހަތަކީމި އެވެ.

އަލިމަނިކު ލިއުއްވާފައިވާ ގޮތުގައި އޭނާ އެ ނަސޭހަތްތަކަށް މުޅި އުމުރުގައި ވެސް އަމަލު ކުރެއްވި އެވެ. އޭނާ ކުރެއްވި ހިދުމަތްތަކުން ވެސް ފެންނަން އޮތީ އެގޮތެވެ. ކުރާށޭ ވެރިން ވިދާޅުވާ ކަންކަން ބެއްލެވީ ކުރެއްވޭތޯ އެވެ. ފާޑުވިދާޅުވެ، ޚިޔާލުތައް ދެއްވައި ނުހައްދަވަ އެވެ.